ގދ. ހޯނޑެއްދޫން ކޮވިޑް19 އަށް ޕޮޒިޓިވްވި 44 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ އެ ރަށުން ޖުމްލަ 45 މީހުން ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 44 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށާއި އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ހުރީ އެންމެ މީހެއް ކަމަށެވެ.

އަދި އެރަށުން 462 ސާމްޕަލް ޓެސްޓު ކޮށްފައި ވާއިރު، މިހާތަނަށް 343 ސާމްޕަލްގެ ނަތީޖާ ވަނީ ލިބިފައެވެ. ނަތީޖާ ނުލިބި ވަނީ 74 ސާމްޕަލެއް ކަމަށްވެސް އެ ރަށުގެ ސިއްހީ މަރުކަޒުން ބުނެއެވެ.

ގުޅުން ނެތް ކްލަސްޓާއެއް ހޯޑެއްދޫއިން ފެނިފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން، އެރަށު ފްލޫ ކްލިނިކަށް ދައްކާ ޓެސްޓު ކުރުމުންނެވެ. ހޯޑެއްދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައި ވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހެވެ. އެއީ އެ ރަށުންގެ ފުރަބަންދުގައި ތިބި 4 މީހުންނެވެ.

އޭގެ ފަހުން އެ މީހުންގެ ކޮންޓެކްޓްގެ ގޮތުގައި ފާހަގަވި 45 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އެރަށުން އެންމެ ފަހުން ކޮވިޑަށް މީހަކު ޕޮޒިޓިވްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާއަކީ ކުރިން ބައްޔަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވެގެން ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހެކެވެ.

އެރަށަށް ބަލި ފެތުރުނު ގޮތް ހޯދަން ތަހުގީގެއް ކުރި އިރު، ހެލްތު އެމަޖެންސީ އޮޕަރޭޝާން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެރަށުގެ ކޮވިޑް ކޭސްތަކުގެ އަސްލަކީ އެންމެ ސޯސްއެއް ކަމަށާއި އެ ރަށުގައި ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނާ ހިލާފުވި ކަމުގެ ހެއްކެތް ނެތް ކަމަށެވެ.