އަތޮޅުތެރޭގައި ހުރި ސްކޫލަތްތަކުގައި ކިޔަވައި ދެމުންދާ ވަގުތު 5 ގަޑިއިރަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އައިޝަތު އަލީ ވިދާޅުވީ، ކޮވިޑް ފެތުރެން ފެށިފަހުން ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށި އިރު ސްކޫލަތްކުގައި ކިޔަވައިދެމުން ގެންދިޔައީ 4 ގަޑިއިރަށް ކަމަށެވެ. ނަމަވެސް މިހާރު އެ ވަގުތު 5 ގަޑިއިރަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ ކޮވިޑް ބަލި ނުފެތުރޭ ރަށްރަށުގައި ކަމަށާއި އެގޮތަށް ކްލާހަށް ދަރިވަރުން ގެނެސްގެން ކިޔަވައި ދިނުމަކީ ދަރިވަރުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށް ވާތީ ކަމަށް އައިޝަތު އަލި ވިދާޅުވިއެވެ. އޮންލައިން ކްލާސްތަކުން އުނގެނުމުގައި ނުލިބޭ އެތައް ފައިދާއެއް މުދައްރިސުންނާއި ދަރިވަރުން އެކުގައި މަައްކަތް ކުރުމުން ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެތުރެން ފެށި ފަހުން ސްކޫލްތަކުގެ ކިޔެވުމަށް ގެންނަން ޖެހުނު ބަދަލުތަކުގެ ތަފްސީލް ހާމަކުރައްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މިދިޔަ މާޗް 15 އިން ފެށިގެން ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުކޮށްފައި ހުރުމަށްފަހު މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަލުން ސްކޫލްތައް ހުޅުވާލެވުނު ކަމަށެވެ. އޭރު މާލޭ ސަރަހައްދުގައި 9، 10، 11، އަދި 12 ގެ ދަރިވަރުންނަށް ސްކޫލް ހުޅުވާލެވުނު ކަމަށާއި އަތޮޅުތެރޭގައި ގްރޭޑް 1 އިން ފެށިގެން 12 އާ ދެމެދުގެ ހުރިހާ ގްރޭޑްތަކަށް ސްކޫލްގައި ކިޔެވުން ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ގިނަވާން ފެށުމުން މި ސަރަހައްދުގެ ސްކޫލަތަކުގައި ކިޔަވައިދިނުން މެދުކަނޑާލަން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މާލެ ސަރަހައްދުގައި ގްރޭޑް 11 އަދި 12 ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔަ ކަމަށާއި އެއީ އެ ދަރިވަރުންގެ އިމްތިހާން ގާތްވެފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޭލެވެލް އިމްތިހާން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށާއި އެކަމަށް ތައްޠާރާިތައް ވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އަންނަ މަހުގެ 4 އިން ފެށިގެން ސްކޫލްތައް ހުޅުވުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން މާލެ ސަރަައްދުގައި ކިޔެވުން ފަށާނީ ގްރޭޑް 10 އަދި 9 ގެ ދަރިވަރުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.