އައްޑޫގައި ހަދާ ޕޮލިސް ޓްރޭނިން ސްކޫލުގެ މަސައްކަތަށް ދިޔަ 128 ބިދޭސީންގެ ތެރެއިން 53 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ، އައްޑޫގައި ވޯކް ސައިޓެއްގައި މަސައްކަތް ކުރުމަށް މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 128 މީހަކު އައިސްފައިވާ ކަމަށެވެ. އަދި އެމީހުން އައި ދުވަހުން ފެށިގެން އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކޮށްފައިވާ ކަމަށް ނަޒްލާ ވދިާޅުވިއެވެ.
ކަރަންޓީނަށް ފަހު ހެދި ޓެސްޓުގެ ނަތީޖާތަކުގެ ތެރެއިން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އޭގެތެރެއިން 44 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެއަށްފަހު މިރޭ އިތުރު 9 މީހެއްގެ ނަތީޖާ ލިބުނު އިރު އެމީހުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން އައްޑޫގެ ވޯކް ސައިޓަށް ގެނައި 128 މީހުންގެ ތެރެއިން މިހާރު ޖުމްލަ 53 މީހުން ވަނީ ޕޮޒިޓިވްވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އައްޑޫއިން މިހާރު ހުރި އެކްޓިވް ކޭސްތަކަށް ބަލާއިރު ސ. ގަން ގައި 54 އެކްޓިވް ކޭސ ހުރިކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 53 މީހުންނަކީ ބިދޭސީންނެވެ. އަދި ކޮންޓެކްޓެއްގެ ގޮތުގައި ކުރިން ޕޮޒިޓިވްވެފައި ހުރި ދިވެއްސެއްވެސް ހިމެނެއެވެ.
މީގެ އިތުރުން ސ. ހުޅޫދޫގައި މިވަގުތު ހުރީ 1 އެކްޓިވް ކޭސް އެވެ. އެއީ ފުރަބަންދުގައި ހުރި ބިދޭސީއެކެވެ.