ކޮވިޑް-19 ހަށިގަނޑުގައި ހުރިކަން 15 މިނެޓުން ދެނެގަނެވޭ "އެންޓިޖެން ޓެސްޓު" ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ސަރުކާރުގެ ލެބޯޓްރީތަކަށް ދޭން ނިންމާފައިވާ ކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެޗްޕީއޭން ބުނީ "އެންޓިޖެން ޓެސްޓު" ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދައާ ގުޅޭގޮތުން އިއްޔެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރިކޮމެންޑޭޝަނެއް ނެރެފައިވާ ކަމަށެވެ.

އެގޮތުން ހުއްދާ ދޫކުރުމަށް ނިންމާފައި ވަނީ ސަރުކާރު ތަންތަނަށް އެކަނި ކަމަށާއި އެ ތަންތަނަށްވެސް ހުއްދަ ދޫކުރާނީ ވަކި ހާއްސަ ހާލަތް ތަކެއްގައި އެކަނި ކަމަށް އެޗްޕީއޭން މައުލޫމާތު ދެއެވެ.

އެންމެ ފުރަތަމަ އެ ކިޓްތައް ރާއްޖެއަށް ގެނެސްފައި ވަނީ މެޑިކަލް ސާމާނު ސަޕްލައިކުރާ މެޑްޓެކް ކުންފުނިން މިދިޔަ ހޯމަ ދުވަހެވެ. އެ ކިޓްތައް ރާއްޖެއަށް ގެނައުމަށް ހުއްދައަށް އެދިފައި ވަނީ މި މަހު ކުރީކޮޅެވެ. މެޑްޓެކުން ރާއްޖެއަށް ތައާރަފްކޮށްފައިވާ އެންޓިޖެން ޓެސްޓް ކިޓްތަކަކީ އެކި ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންދާ ކިޓްތަކެކެވެ.

ކްރެޑިޓް ކާޑު ސައިޒުގެ ޓެސްޓުގެ ސެންސިޓިވިޓީ އަކީ 97 އިންސައްތަ ހުންނައިރު، އިންފެކްޝަން ދެނެގަތުމުގެ އިންސައްތައަކީ 98.5 އިންސައްތަ ކަމަށް ކްލިނިކަލް ސްޓަޑީތަކުން ދައްކައެވެ.

އެ ޓެސޓް ކިޓް ތަކަކީ ލެބޯޓްރީ ތަހުލީލުކުރުމަށް ބޭނުންކުރާ އާލަތްތައް އުފެއްދުމުގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެބޮޓް ލެބޯޓްރީގެ ޕޯޓަބަލް އެންޓިޖެން ޓެސްޓް ކިޓަކީ ނޭސަލް ސްވަބް ބޭނުންކޮށްގެން ޓެސްޓު ހަދާ ކިޓެކެވެ. އެ ކިޓްތަކުގެ ހާއްސަ އަނެއް ކަމަކީ ޓެސްޓާ ގުޅޭ ހާއްސަ އެޕެއް ތައާރަފްކޮށް ފޯނުން ޓެސްޓުގެ ނަތީޖާ ފެންނާގެ ގޮތް ހަދައިފައިވާ ކަމެވެ.