އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދެވި ކުވައިތުގެ އަމީރު ސޮބާހް އަލް އަހުމަދު އަލް ޖާބިރު އަލް ސޮބާހް އަވާހަރަވެއްޖެއެވެ.
އުމުރުފުޅުން 91 އަހަރުގެ ޝައިހު ސޮބާހް އަވަހާރަވީ ޚަބަރު ބައިނަލްއަގުވާމީ މީޑީއާއަށް ތިލަވެފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
މީލާދީން 1929 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ޝެއިހް ސޮބާހްއަކީ، ކުވައިތުގެ ޒަމާނީ ތާރީހު ދެކެމުން އަންނަ ހާރިޖީ ސިޔާސަތުގެ މޭސްތިރިއެވެ. ކުވައިތުގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް، 1963 ވަނަ އަހަރުން ފެށިގެން 2003 އާ ޖެހެންދެން ފާއިތުވީ 40 އަކަށް އަހަރު ދުވަހު، ކުވައިތުގެ ހާރިޖީ ވަޒީރުކަމުގެ މަގާމުވެސް ފުރުއްވާފައިވަނީ ޝައިހު ސޮބާހްކަން ފާހަގަކުރަންޖެހެއެވެ.
ކުވައިތުގެ އަމީރު ކަމުގެ މަގާމާ ޝައިހު ސޮބާހް ހަވާލުވެވަޑައިގަތީ، ޝައިހު ޖާބިރު އަލް ސޮބާހް އަވަހާރަވުމުން، 2006 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، ކުވައިތުން ވަނީ، ޝައިހު ސޮބާހްއަށް ސިއްހީ މައްސަލަތަކަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާކަމަށާ، އެކަމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްވެ އޮންނަވައިގެން ފަރުވާ ބޭނުންފުޅުވާކަން ކަށަވަރުކޮށްދީފައެވެ.
ޝައިހް ސޮބާހް އެމެރިކާއަށް ފުރާވަޑައިގަތީ މިއަހަރުގެ ޖުލައި މަހުއެވެ. އެއީ ސާޖަރީއަކަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށެވެ.
ޕޭސް މޭކަރެއްގެ އެހީ ހޯއްދަވަން ފެއްޓެވިތާ 2 އަހަރެއްހާ ދުވަސް ފަހުން، 2002 ވަނަ އަހަރު ޝައިހު ސޮބާހް ވަނީ އެޕެންޑިކްސްގެ އޮޕަރޭޝަނެއް ކުރައްވާފައެވެ. މީގެ އިތުރުން 2007 ވަނަ އަހަރު އޭނާ ވަނީ، ކުޑަކަމުދާ ނިޒާނުގެ ސާޖަރީއެއް، ހަމަ އެމެރިކާގައި ހައްދަވާފައެވެ.
އަވަހާރަވެފައިވާ ޝައިހް ސޮބާހަކީ ސަރަހައްދީ ޑިޕްލޮމަސީ ހަރުދަނާ ކުރެއްވުމަށްވެސް މަސައްކަތްޕުޅުތަކެއް ކުރެއްވި ލީޑަރެކެވެ. އެގޮތުން ގަތަރު ބޮއިކޮޓް ކުރި މައްސަލާގައިވެސް ޑިޕްލޮމެޓިކް ހައްލަކަށް ޝައިހް ސޮބާހް ވަކާލާތު ކުރެއްވިއެވެ. މީގެ އިތުރުން ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާއާއި އިރާގަށް އެހީ ހޯއްދެވުމަށް ޑޯނާ ކޮންފަރެންސްތައްވެސް އިންތިޒާމު ކުރެއްވިއެވެ.
ފާއިތުވީ ދުވަސްތަކުގައި ގައުމު ހިންގެވުމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ހުންނެވީ ވަލީ އަހުދު، ނަވާފް އަލް އަހުމަދު އަލް ސޮބާހް، 83، އެވެ. އެއީ ޝައިހް ސޮބާހްއާއި އެއްބަފާ ކޮއްކޯފުޅެވެ. ޝައިހް ނަވާފްއަކީވެސް ސަރުކާރުގެ އިސް މައްސޫލިއްޔަތުތަކެއް އަދާކުރައްވާފައިވާ ޝަހްސެކެވެ.
އަމީރު އަވަހާރަވީ ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.