އަންނަ މަހުގެ 15 ގައި އަތޮޅުތެރޭގެ ގެސްޓް ހައުސްތައް ހުޅުވާލަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވެއްޖެއެވެ.
ރޭ އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްސަދު ވަނީ އަންނަ މަހުގެ 15 ގައި އަތޮޅުތެރޭގެ ގެސްޓް ހައުސްތައް ހުޅުވާލާނެ ކަމަަށް ވިދާޅުވެފައެވެ. އެގޮތަށް ނިންމެވީ ކޮވިޑް ފެތުރެން ފެށިފަހުން ފަހުން މިހާރު ރާއްޖޭގެ ހާލަތު ރަނގަޅުވަމުން އަންނަ ތަން ފެނިވަޑައިގަންނަވާތީ ކަމަށް އައްސަދު ވިދާޅުވިއެވެ.
ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ޥާހަކަ ދައްކަވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ގެސްޓް ހައުސްތައް އަންނަ މަހުގެ 15 ގައި ހުޅުވާލާއިރު މާލެ ސަރަހައްދުގައި ހުރި ގެސްޓް ހައުސްތައް ހުޅުވަން ނިންމާފައި ނުވާ ކަމަށެވެ. އެގޮތުން ހުޅުވާލާނީ ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ކަމަށްވެސް އޭނާ ވިދާޅުވެއެވެ. މާލެ ސަރަހައްދުން ގެސްޓް ހައުސް ތައް ހުޅުވަން ހުއްދަ ނުދޭ ސަބަބެއްގެ ގޮތުގައި ޑރ. ޝަހީދު ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އަދި ފެންނަމުންދާތީ ކަމަށެވެ.
ރާއްޖޭގައި 86 ރަށުގައި ގެސްޓު ހައުސް ހުންނަ ކަމަށާއި އެއީ ޖުމްލަ 10،000 އަށް ވުރެ ގިނަ، ރަޖިސްޓާޑް ގެސްޓް ހައުސް ބެޑް ކަމަށް އައްސަދު ވިދާޅުވިއެވެ. އެ 86 ރަށުގައި 6000 އަށް ވުރެ ގިނަ މީހުން ވަޒިފާ އަދާކުރަމުންދާ ކަން އައްސަދު ފާހަގަ ކުރެއްވިއެވެ. ގެސްޓް ހައުސްތައް ބަންދުކޮށްފައި އޮތުމުން މި ހުރިހާ އެންމެންގެ އާމްދަނީ ވަނީ ހުއްޓިފައި ކަމަށް އައްސަދު ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 10 އިންސައްތަ އަކީ ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން ކަމަށް އައްސަދު ވިދާޅުވިއެވެ. އެގޮތުން ގެސްޓް ހައުސްތައ ވިޔަފާރި ހުއްޓިފައި ވުމަކީ މިހާރު ރަށްރަށުގައި ހުރި ބައެއް އެހެނިހެން ވިޔަފާރިތަކަށް ވެސް އެޅިފައިވާ ހުރަހެއް ކަމަށް އައްސަދު ވިދާޅުވިއެވެ.
ގެސްޓް ހައުސް ހުޅުވާލަނީ އަންނަ މަހުގެ 15 ގައި ކަމަށް ވާއިރު ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ހުޅުވާ ލެވޭނީ އެ ރަށެއްގެ ކައުންސިލުން ގެސްޓް ހައުސް ހުޅުވުމުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެންގުމުން ކަމަށް އައްސަދު ވިދާޅުވިއެވެ. އެގޮތުން އެކަން ކުރުމަށް ހަދާފައިވާ ގައިޑްލައިނަށް ރަށްރަށުގެ އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމާއި، ރަށުގައި އައިސޮލޭޓް ކުރުމަށާއި ކަރަންޓީން ކުރުމަށް ކޮޓަރިތަކެއް ކަނޑައެޅިފައި ހުންނަން ޖެހޭ ކަމަށް އައްސަދު ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށެއްގައި ކޮވިޑް ޓާސްކްފޯހެއް އޮންނަން ޖެހުމުގެ އިތުރުން މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދާނެ ޓްރާންސްޕޯޓް ހިދުމަތް ހަމަޖެހިފައި އޮތުމާއި ފްލޫ ކްލިނިކެއް ހުރުމާއި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުރުން ހިމެނެއެވެ. ގެސްޓްހައުސް ހުޅުވަން ހުއްދަ ދެވޭނީ ހެލްތު އެންޑް ސޭފްޓީ ޕްލޭނެއް ގެސްޓްހައުސްތަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން އެ ޕްލޭން އެޕްރޫވް ކުރުމުންނެވެ.