މައުލޫމާތު ހާމަ ކުރުމަކީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ހިޔާނަތާއި މަކާރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، ވަރަށް ބޭނުންތެރި ކަންކަން ކަމަށާއި، މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރޭ "މަހޯލި" މަޖައްލާގެ ހާއްްސަ ސަޕްލިމެންޓްގައި ޝާއިއުކުރުމަށް ދެއްވި ހިތޯބުގައެވެ. ހިތޯބުގައި ރައީސް ސޯލިހް ވިދާޅުވީ، މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭކަމަށާއި މައުލޫމާ ހާމަކުރުމަށް އިސްކަން ދޭ ވަރަކުން، އެބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަދައިން އަސާސީ ހައްގުތަކެއް ކަމަށާއި، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ، އެ ހައްގުތައް ރައްޔިތުންނަށް ލިބިގެން ކަމަށް ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

އަދި ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު، އާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް ނޫން ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ މައުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި، އެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށެވެ.

ހަމައެއާއެކު، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި، މިނިވަން މުއައްސަސާއެއް ގާއިމުކުރުމުގެ މަގްސަދަކީ ވެސް، މައުލޫމާތު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ހައްގު ހޯދައިދިނުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ވެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް، އޭގެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް ލިބިދިނުމަށް، ސަރުކާރުން ކުރާ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު، ކާމިޔާބުވެގެން ދިޔުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެކަމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރަމުންދާ މަސައްކަތަށް ވެސް ކާމިޔާބާއި ކުރިއެރުމަށް އެދިލައްވާފައެވެ.