ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރާ ފަތުރުވެރިންނަށް ރާއްޖެއަށް ދަތުރުކޮށްގެން އެހެން ތަންތަނަށް ދަތުރު ކުރަން އިނާޔަތްތަކެއް ލިބޭ ގޮތަށް "މޯލްޑިވްސް ބޯޑާ މައިލްސް"ގެ ނަމުގައި ސްކީމެއް މިރޭ ލޯންޗުކޮށްފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން މިރޭ ބޭއްވި ހާއްސަ އިވެންޓެއްގައި މޯލްޑިވްސް ބޯޑާ މައިލްސް ހިދުމަތް ތައާރަފު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ތަފާތު އެކި ޕްރިވިލެޖް ލިބިގެންދާނެއެވެ. އަދި ފަތުރުވެރިންނަށް އެކި ކަހަލަ ބެނެފިޓްތައް ރިސޯޓުތަކުން ލިބިގެންދާނެއެވެ. އަދި އެ ފަތުރުވެރިންނަށް އެކްސްކްލޫސިވް ހިދުމަތްތަވެސް އެފަރާތްތަކަށް ލިބިގެންދާނެ އެވެ.

ފަތުރުވެރިންނަށް މި ސްކީމް މެދުވެރިކޮށް ޕޮއިންޓް ލިބިގެންދާއިރު ޕޮއިންޓް ލިބިގެންދަނީ ބޯޑާ ހުރަސްކުރާއިރު އާއި ހާއްސަ މުނާސަބަތުގައި ކުރާ ދަތުރުތަކަށެވެ. ޕޮއިންޓް ސިސްޓަމް ވަނީ ތިން ފަންތިއަކަށް ބަހާލާފައެވެ. އެއީ ބްރޮންޒް، ސިލްވާ އަދި ގޯލްޑެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވާ އަށް "އަންތަރަ" އަދި ގޯލްޑް އަށް "އަބާރަނަ" އެވެ.

އެ ހިދުމަތް ލޯންޗުކުރެއްވި މިރޭގެ ހަފްލަގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ބޯޑާ މައިލްސް ފަދަ ޕްރޮގްރާމްތައް ބައެއް ރިސޯޓުތަކުން މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިރޭ ތައާރަފްކުރި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކުގެ ޕްރޮމޯޝަނަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. ބޯޑާ މައިލްސް އަކީ ތަކުރާރުކޮށް އަންނަ ފަތުރުވެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ އަދި އެ ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް މައުސޫމް ވިދާޅުވިއެވެ.