ގައުމީ ގުރުއާން މުބާރާތް މި އަހަރު އޮންލައިންކޮށް ބޭއްވުމަށް މަޝްވަރާކޮށްފިއެވެ.

އެ ކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ މިއަދު ނައިބު ފައިސަލް ނަސީމް، ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އެކި ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމެއްގައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މުޖުތަމައަށް ކުރިމަތިވެފައިވާ އަހުލާގީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމާއި އަދި މުޖްތަމައުގެ ފަރުދުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ އިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށެވެ.

އޭގެ އިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ގުރުއާނާއި އިސްލާމް މާއްދާގެ ކިލާސްތަކެއް އޮންލައިންކޮށް ހިންގުމާއި ގުޅޭ ގޮތުންނާއި، ގައުމީ ގުރުއާން މުބާރާތް މި އަހަރު އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށްފައެވެ.

އެ ބައްދަލުކުރެއްވުމުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ވަނީ ދީނީ ކަންކަމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި، އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި އިލްމުވެރިން ވަނީ، ދީނީ ކަންކަން ކުރިއެރުވުމަށް ފެންނަ ހިޔާލުތައް ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ.

އޭގެ އިތުރުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޝިއާރު ފާޅުކޮށް މަތިވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިއްބިކަން އިލްމުވެރިން ވަނީ ފާހަގަކޮށްފައެވެ.

އެ ބައްދަލުކުރެއްވުން ނިންމާލަމުން ނައިބު ރައީސް ފައިސަލް ވަނީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާއިމެދު ލޯބި އިތުރުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ލާމަރުކަޒީކޮށް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، އެފަދަ ކަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި، އެކަކު އަނެކަކަށް އިހްތިރާމުކުރުން ފަދަ ސިފަތައް މުޖުތަމައުގެ އަފްރާދުންގެ ތެރޭގައި އަށެގަތުމަށް އިލްމުވެރިން ވެސް ބާރުއަޅުއްވައި މަސައްކަތްކުރުމަށް އިލްމުވެރިންގެ ކިބައިން ވަނީ އެދިފައެވެ.