ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

މިއަދަކީ ބައިންލަ އަގްވާމީ ގޮތުން ޓޫރިޒަމް ދުވަސް ފާހަގަ ކުރާ ދުވަހެވެ. މި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ތަރައްގީ އަށާއި ކުރިއެރުމަށް މަސައްކަތްކުރާ ހުރިހާ ޖަމްއިއްޔާތަކަށް ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ރައީސް ވަނީ ތަހުނިޔާ އަރިސްކުރައްވާފައެވެ

މީގެ އިތުރުން ޓޫރިޒަމް ދައިރާއަށް ކޮވިޑް19 ފެތުރެން ފެށި ފަހުން ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ގޮނޑުދޮށްތަކަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އަދި ދާއިރާ ކުރިއެރުވުމށް މަސައްކަތް ކުރާ ފަރާތްތަކަށް މިނިސްޓަރު ވަނި ޝުކުރު ދަންނަވާފައެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓުތަކަށާއި ސަފާރީ ތަކަށެވެ. އަދި އަންނަ މަހުގެ 15 އިން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފެށުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.