ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން 24 ޖަނަވަރީ 2019 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ.

މިނިސްޓްރީން ބުނީ ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު ސިޓީއުރައިގެ ބޭރުގައި " ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ކަމަށެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 11 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވާ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުންނެވެ.

އެއިއުލާނުގައި އިތުރަސް ބުނެފައިވަނީ ޕްރޮޕޯސަލް ގަނެފައިނުވާ ކުންފުނިތަކުގެ ޕްރޮޕޯސަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ.

ޕްރޮޕޯޒަލްފޮތް މާދަމާ އިން ފެށިގެން އަންނަ މަހު 7 ވާ ބުދަ ދުވަހާ ހަމައަށް އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް މިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޕްރޮޕޯސަލް ފޮތުގެ އަގަކީ 5,000 ރުފިޔާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ އުމްރާގެ އަޅުކަން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަން ވެސް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި އެގައުމުގައި ތިބި މީހުންނަށް ފުރުސަތުދީގެންނެވެ.