އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުއްލި ޖަލްސާތަކުގައި އިންތިހާބާގުޅޭ މައްސަލަތައް ނުބެލޭ ގޮތަށް އެ ކޮމިޝަންގެ ގަވައިދަށް އިސްލާހު ގެެނެސްފިއެވެ.

އީސީން ގަވާއިދު އިސްލާހުކޮށް މިދިޔަ ބުދަ ދުވަހު ގެޒެޓް ކޮށްފައިވާ އިސްލާހުގައި ބުނީ އެ ކޮމިޝަންގެ ކުއްލި ބައްދަލުވުންތަކުގައި ބޮޑެތި ބައެއް ކަންކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ.

އެގޮތުން އޭގައި ހިމަނާފައި ވަނީ އިންތިހާބުތަކާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލައް ނުބެލުމުގެ އިތުރުން ދެން ނުނިންމޭނެ ކަމަށް ހިމަނާފައި ވަނީ ބަޖެޓާއި، ފައިސާއާ ގުޅޭ ކަންކަކަމާއި ކޮމިޝަނުގެ ގަވާއިދަށް ބަދަލު ގެނައުމާއި ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އިންތިހާބު ކުރުމެވެ.

އޭގެ އިތުރުން މުވައްޒަފުންގެ ވަޒީފާ އާއި މުސާރަ އަދި އިނާޔަތަށް ބަދަލު ގެނައުމާއި، ހިންގުމުގެ އޮނިގަނޑު ބަދަލު ކުރުމާއި، މުވައްޒަފުން ބޭރަް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުމާ މެދު ވެސް އެފަދަ ޖަލްސާއެއްގައި ގޮތް ނުނިންމޭނެއެވެ.

މީގެ ކުރިން އެ ގަވައިދުގައިވާ ގޮތުން، ކުއްލި ޖަލްސާގައި ނުނިންމޭނެ ކަމަށް ނުވަތަ ނުބެލޭނެ މައްސަލަތައް ބަޔާންކޮށްފައި ނުވާއިރު، އެ ގަވައިދު އޮތް ގޮތުން ބޮޑެތި މައްސަލަތައް ވެެސް ކުއްލި ޖަލްސާ ބާއްވައިގެން ނިންމުމަށް ހުރަހެއް ނޯވެއެވެ.