ހޯޑެއްދޫ އިތުރު މީހަކާއެކު ޕޮޒިޓިވްވި މީހުންގެ އަދަދު 45 އަށް އަރައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، އިއްޔެ ޕޮޒިޓިވްވި އެކަކާ އެކު އެރަށުން ޕޮޒިޓިވް ވި ޖުމްލަ މީހުންގެ އަދަދު 45 އަށް އަރާފައިވާ ކަމަށެވެ.

ޕޮޒިޓިވްވި 45 މިީހުންގެ ތެރެއިން މިހާތަނަށް އައި އިރު 32 މީހުން ވަނީ ބަލިން ރަނގަޅުވެފައި ކަމަށާއި މިވަގުތު ބައްޔަށް ފަރުވާ ކުރަމުން ދަނީ 13 މީހަކަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ. ގއ. ވިލިގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ހޯޑެއްދޫން ޕޮޒިޓިވްވި 2 މީހަކަށް ފަރުވާ ދެމުންދާ ކަމަސް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިއްޔެ ޕޮޒިޓިވްވި މީހާގެ ކޭސްގެ ތަފްސީލް ހާމަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެއީ ކުރިން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް ކަމަށާއި އޭނާ ޕޮޒިޓިވްކަން އެނގިފައިވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ހެދި ޓެސްޓުން ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވެފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ކަރަންޓިން ފުރިހަމަ ކުރި 11 ސާމްޕަލްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ޕޮޒިޓިވްވި ނަމަވެސް ދެން ޓެސްޓު ކުރި މީހުންގެ ނަތީޖާ ވަނީ ނެގެޓިވްވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެރަށުން މިހަތަނަށް ކޮންޓެކްޓުންގެ ގޮތުގައި ޖުމްލަ 230 މީހުން ދެނެގަނެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މިއަދު އިތުރު 11 މީހެއްގެ ސާމްޕަލް ނެގި ތެސްޓު ހެދުމަށް ފޮނުވިފައިވާ ކަމަށާއި، އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުވެސް ހޯޑެއްދޫގައި ހޯމް ވިސިޓް ކޮށް ބަލީގެ އަލާމަތް ހުރި މީހުން ދެނެގަނެވިފައިވާ ކަމަށް ނަޒްލާ ވިދާލުވިއެވެ. އަދި އެމީހުންގެ ސާމްޕަލް މާދަމާ ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ހޯޑެއްދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ އެ ރަށުންގެ ފުރަބަންދުގައި ތިބި 4 މީހުންނެވެ. ފުރަބަންދު 4 ކޭސްއަށް ފަހު މި މަހުގެ 4 ވަނަ ދުވަހު އިތުރު 2 ކޭސް ވަނީ ފެނިފައެވެ. އެ ކޭސްތަކާ ގުޅިގެން 36 ކޮންޓެކްޓުން ވަނީ ފެނިފައެވެ. އެ ކޮންޓެކްޓުންގެ ތެރެއިން އަލާމަތްތައް ހުރި މީހުން ޓެސްޓު ކުރި އިރު މި މަހުގެ 5 ވަނަ ދުވަހު އިތުރު 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އެގޮތުން އެމީހުންނާ ގުޅުން ހުރި 111 ކޮންޓެކްޓުން ފެނިފައިވާ އިރު އެ ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓު ކުރުމާއެކު މި މަހުގެ 8 ވަނަ ދުވަހު ވަނީ އިތުރު 10 ކޭސް ފެނިފައެވެ. އޭގެ ފަހުން މި މަހުގެ 9 ވަނަ ދުވަހު އިތުރު އެއްކޭސް އާއި މި މަހުގެ 11 ވ ަނަ ދުވަހު އިތުރު 2 ކޭސް އެވެ. އޭގެ ފަހުންވެސް އިތުރު 6 ކޭސް ވަނީ އެރަށުން ފެނިފައެވެ.

މިހާރު ރާއްޖޭގެ ކޮވިޑް އެކްޓިވް ކޭސް ހުރި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ހޯޑެއްދޫ އެކަންޏެވެ.