މިހާރު ކުރަމުންދާ 4 ވަނަ އިންސްޕެކްޝަން ރައުންޑްގެ ތެރެއިން މިއަދާ ހަމައަށް އައި އިރު ޖުމްލަ 259 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 5 ތަނެއް އުސޫލަށް ނުފެތޭ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ޖުމްލަ 259 ތަނެއް އިންސްޕެކްޓް ކޮށްފައިވާ އިރު އޭގެތެރެއިން 254 ތަނަކީ އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ ތަންތަން ކަމަށެވެ. 206 ފިހާރަ އާއި 39 ކެފޭ އާއި 6 ސެލޫން އަދި 3 މާރުކޭޓް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް އިންސްޕެކްޓް ކުރި ތަންތަނުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑަށް ނުފެތޭ 5 ތަނެއް ފެނފައިވާ އިރު އޭގެތެރެއިން މިހާތަނަށް ބަންދުކުރެވިފައި ވަނީ 3 ކެފޭއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދެން ރަނގަޅު ކުރުމުން އަލުން ހުޅުވިފައި ވަނީ 1 ފިހާރައާއި 1 ކެފޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ހަތަރުވަނަ އިންސްޕެކްޝަން ކުރަން ފަށާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެސިގެންނެވެ. މި އިންސްޕެކްޝަން ކުރިއަށް ދާނީ ދެ ހަފްތާގެ މުއްދަތަކަށެވެ. އެގޮތުން އުސޫލާއި ހިލާފަށް ތަނުގައި ހިދުމަތްދޭނަމަ ފުރަތަމަ ފަހަރު ނަމަ 48 ގަޑިއިރަށް ތަން ބަންދު ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރުފަހުން ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑިއިރު ފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 5 ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.