މޯލްޑިވްސް މީޑިއާ ކައުންސިލްއިން ދޭ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން 80 ހުށަހެޅުން ހުށަހަޅައިފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލިއެވެ. މިއަދު މެންދުރު 1:30 އަށް ވަނީ އެވޯޑަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވެފައެވެ.

މިއަދު މުއްދަތު ހަމަވި އިރު 80 މީހަކު ނަން ހުށަހަޅާފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ. އެގޮތުން އެންމެ ގިނަ ހުށަހެޅުން ހުށަހަޅާފައި ވަނީ ފީޗާ އަދި ރިޕޯޓް ދާއިރާއަށެވެ. އެ ދާއިރާއަށް ޖުމްލަ 29 މީހަކު ވަނީ ހުށަހަޅާފައެވެ. އެއަށް ފަހު އިޖްތިމާއީ، ތާރީހާއި ސަގާފަތް އަދި ފަންނުވެރިކަމުގެ ދާއިރާއަށް 11 މީހަކު ވަނީ ހުށަހަޅާފައެވެ.

ސިޔާސީ ދާއިރާއަށް 9 މީހަކު، ވިޔަފާރިއާއި އިގްތިސޯދު ދާއިރާއަށް 6 މީހަކު، ފޮޓޯ ޖާނަލިޒަމް އަށް 5 މީހަކާއި ވީޑިއޯ ޖާނަލިޒަމްއަށް 2 މީހަކު ފޯމް ހުށަހަޅާފައި ވެއެވެ.

ހަމައެއާއެކު ޝަރުއީ އަދި ގާނޫނީ ދާއިރާއަށް 4 މީހަކާއި، ކުޅިވަރު ދާއިރާއަށް 4 މީހަކާއި ތަހުގީގީ ނޫސްވެރިކަމަށް 2 މީހެއް ފޯމް ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއަށް 3 މީހަކަކާއި އެންމެ އުންމީދީ ނޫސްވެރިއާގެ އިނާމަށް 5 މީހަކު ވަނީ ފޯމް ހުށަހަލާފައެވެ.

މިފަހަރު އިނާމްތައް ދޭއިރު ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއަކީ މުޅިން އަލަށް ތައާރަފްކުރި ދާއިރާއެކެވެ.