މިއަދު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 67 ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި 65 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 2 މީހުން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ 33 ދިވެހިންނާއި 34 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި 67 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9885 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 92 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 8530 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 93 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 656 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 24 ރަށަކާއި 25 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 15 ޓޫރިސްޓަކާއި 33 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ އަތޮޅުން ދިއްދޫ އާއި އިހަވަންދޫއާއި ކެލާ، ހދ. ހިރިމަރަދޫ، ށ. އަތޮޅުން ކަނޑިތީމާއި މަރޮށިއާއި ފީވަށް، ނ. އަތޮޅުން މަނަދޫ، ރ. އަތޮޅުން ރަސްމާދުއާއި ދުވާފަރު، ބ. އަތޮޅު ދަރަވަންދޫ، ޅ. އަތޮޅުން ނައިފަރު، ކ. އަތޮޅުން ހިންމަފުއްޓާއި ހުރާ، އއ. އަތޮޅުން މާޅޮސް، ދ. އަތޮޅުން ކުޑަހުވަދޫއާއި ހުޅުދެލި، ތ. އަތޮޅުން ވޭމަންޑޫ، ގއ. ވިލިގިނލި އާއި މާމެންދޫ، ގދ. އަތޮޅުން ގައްދޫއާއި ހޯޑެއްދޫއާއި، ސ. އަތޮޅުން ގަން އަދި ހުޅުދޫއެވެ.

ރަށްރަށުން ފެނިފައިވާ ކޭސްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ޖުމްލަ 42 މީހުންނެވެ. އެއީ 27 ދިވެހިންނާއި 15 ބިދޭސީންނެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީގައި އެކަނނެވެ. އެ ފެސިލިޓީގައި 3 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.