ސަރުކާރުން ކޮވިޑްގެ ފިޔަވަޅުތައް ގަބޫލު ނުކުރާކަން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަމަލުތަކުން ސާބިތުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު ވިދާޅުވީ ސަރުކާރުން އެ ފިޔަވަޅުތައް ގަބޫލު ނުކުރާ ކަމުން އެތައް ބައެއް ފުރާނައަށް ނުރައްކާވެއްޖެ ކަމަށެވެ. އަދި އެކަން ރަނގަޅު ނަމަ، އެތަައް ޒުވާނުންނަކަށް ކުރި ޖޫރިމަނާ ބާތިލްކޮށް، އެ ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށް ވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ. ޑރ. ޖަމީލު ވަނީ ގާނޫނުގެ ހުކުމް ސަމާސާއެއް ކަމަށް ދެކެނީތޯވެސް ސުވާލު ކުރައްވާފައެވެ.
ޑރ. ޖަމީލު އެހެން ވިދާޅުވެފައި ވަނީ، ރާއްޖެއިން ބޭރުން ވަޑައިގެންނެވި ގޮތަށް ކަރަންޓީނުގައި ނުހުންނަވައި ޝާހިދު، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ 250 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއަ ހަވާލުވެވަޑައިގަންނަވަން ހޯމަ ދުވަހު ބައިވެރިވެ ވަޑައިގެންފައި ވާތީއެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އިރު އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ، މިނިސްޓަރު ޝާހިދު ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އެޗްޕީއޭއިން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ. 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރައްވަމުން ވެސް އެ ހާއްސަ ހުއްދަ ހޯއްދަވައިގެން މިނިސްޓަރު ޝާހިދު ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އުސުލުތަކާ އެއްގޮތަށް ގައިދުރުކަން ބަހައްޓަވައިގެން ރައްކާތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވެސް މައުލޫމާތު ދިނީ ހަމަ އެހެންނެވެ. މިނިސްޓަރު ޝާހިދަށް ދިނީ ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރަން ޖެހޭ ޒިންމާއެއް އަދާކުރުމަށް ދެވުނު ވަކި ހާއްސަ ހުއްދައެއް ކަމަށާއި، އެ ހުއްދަ ދެވުނީ، އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކު ކުރިއަށް ގެންދިޔުމަށް ކަމަށް އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.