ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭ އިތުރު 46 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 129 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ޕޮޒިޓިވް ވެފައިވާ 46 މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 15 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 44 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 2 މީހެކެވެ. އެއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9770 އަށް އަރާފައެވެ.

މިއަދު އިތުރު 129 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8390 އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1340 ކޭސް ހުރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 96 އަށް ދަށް ވެފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 692 މީހަކު އެބަތިއްބެވެ.

މި ބައްޔަށް ޕޮޒިޓިވްވި 9770 މީހުންގެ ތެރެއިން 34 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. ރާއްޖެއިން ކޮވިޑް ޖެހި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިވަގުތު އެކްޓިވް ކޭސްގެ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 22 ރަށަކުންނާއި، 27 ރިސޯޓަކުން ފެނިފައިވެއެވެ. އޭގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 16 ފަތުރުވެރިއަކާއި، 39 މުއައްޒަފުން ހިމެނެއެވެ.

މިވަގުތު އަތޮޅުތަކުގައި 34 ދިވެއްސަކަށާއި، 14 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫ އެކަންޏެވެ.