އިންޑިއާ އިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭ 250 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައި ވަނީ އެޗްޕީއޭގެ ގަވައިދާ ހިލާފަށް ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ޒިޔާރަތް ކުރުމަށް ފަހު ގައުމަށް އެނބުރި އަންނަ ރައްޔިތުން 14 ދުވަހުގެ ކަރަންޓީނުގައި އެކަހެރިވެ ހުންނަންޖެހޭ އުސޫލަށް، ސަރުކާރުގެ އިސްވެރިން އަމަލުކުރަމުން ނުދިޔުމަކީ ބަލައިގަނެވޭކަމެއް ނޫން ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރަށް ވަދައިގަތުމަށް ފަހު ޝާހިދު އެނބުރި ވަޑައިގަތީ މިމަހުގެ 19 ވަނަ ދުވަހު ކަމަށާއި ރާއްޖެ ވަޑައިގެންފައި ވަނީ ދުބާއީއިން އައި އެމިރޭޓްސް އެއާލައިންގެ ފްލައިޓުން ކަމަށް ވާއިރު، އިއްޔެ ސްޓޭޓްބޭންކް އޮފް އިންޑިޔާއަށް ޓްރެޜަރީ ބޮންޑް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާ ގުޅުންހުރި ރަސްމިއްޔާތުގައި، ގިނަބަޔަކާ އެކުވެ މިނިސްޓަރު ޝާހިދު ހަރަކާތްތެރިވެ ވަޑައިގަތުމުން އެކަމާ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިނިސްޓްރު ޝާހިދު ވަނީ އެޗްޕީއޭ ގެ އާންމު ގައިޑްލައިނާ ހިލާފުވެވަޑައިގެންފާ ކަމުން، އެތައް ބަޔަކު ނުރައްކަލަށް ހުށަހަޅައިފައިކަމަށްވެސް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.
އެފަދަ ޒިންމާދާރު ކަން ކުޑަ އަމަލުތައް، ސަރުކާރުގެ އެންމެ އިސްވެރިންގެ ކިބައިން ފެނުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށާއި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އެކި ފަރާތްތަކުން އެޗްޕީއޭ ގެ ގައިޑްލައިނާ ހިލާފުވަމުން ދާއިރު، އެއްވެސް ފިޔަވަޅެއް އަޅަން އެޗްޕީއޭ އިން ނުކުޅެދިފައިވާ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
އާންމު ސިއްހަތާ ގުޅޭ ކަންކަމުގައި އޮންނަން ވާނީ ރައްޔިތުންނާ އެއް އުސޫލެއް ކަމަށާއި އިސް ވެރިންނަށް ވަކި އުސޫލެއް އޮންނަ އޮތުން ވަގުތުން ދޫކޮށްލާ އެންމެންނަށް ހަމަހަމަ ކަމާއެކު އަމަލު ކުރުމަށް އިދިކޮޅު ކޯލިޝަނު ވަނީ ގޮވާލާފައެވެ.
އިދިކޮޅުން މިގޮތަށް ބުނެފައި ވާއިރު، ފޮރިން މިނިސްޓްރީން ބުނެފައި ވަނީ މިނިސްޓަރު އަބްދުﷲ ޝާހިދު، އެ މިނިސްޓްރީން ބާއްވާ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ކަމަށެވެ.