ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލާއި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރައީސް މިއަދު ތަސްދީޤުކުރެއްވި 3 ބިލަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ 28 ވަނަ ޖަލްސާއިން ފާސްކުރި ތިން ބިލެވެ.

އެ ތިން ބިލުގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލުގައި ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސޯދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި އެފަދަ ވިޔަފާރީގެ އަމަލުތައް މަނާކުރުމާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅުއެޅުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.

ވިޔަފާރީގެ ބާޒާރުގައި ނުފޫޒު ފޯރުވޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން މަނާކުރުން އެ ބިލުގައި ހިމެނެއެވެ. އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ އެއްކުރުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސް އެޅިގެންދާ ދިޔުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމާބެހޭ އުސޫލުތައް އެކުލަވާލުމާއި، އަދި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ހަމައެއާއެކު މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅައި، އެ ހައްގުތައް ހިމާޔަތް ކުރުމާއި ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ފުރިހަމަވާން ޖެހޭނެ ޝަރުތުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުތުތަކާއި ނުވަތަ މިންގަނޑުތަކާ ހިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުސޫލުތައް އެ ބިލުގައި ބަޔާންކުރުމެވެ.

މީގެ އިތުރުން، މުދާ ގަންނަ ފަރާތެއް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ނިގުޅައިގެންފައިވާ ހާލަތެއްގައި ނުވަތަ އެ ހައްގުތަކަށް އުނިކަމެށް ލިބޭ ހާލަތެއްގައި އެ މައްސަލަތައް ބަލާނެ ފަރާތެއްގެ ގޮތުގައި އޮމްބަޑްސްމަންއެއް އައްޔަންކޮށް، އެ ފަރާތުގެ ބާރާއި މަސްއޫލިއްޔަތު ކަނޑައެޅުމާއި، މުދާ ގަންނަ ފަރާތްތަކާއި ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭ ހާލަތުގައި ބަދަލު ލިބިދިނުމާގުޅޭ އުސޫލުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް މިއަދު ތަސްދީގުކުރެއްވި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް (ގާނޫނު ނަމްބަރު 5/2009) 4 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް އެ މިނިސްޓްރީން ގާއިމުކުރަން ޖެހޭނެކަމަށް ކަނޑައަޅައިފައި ވެއެވެ. އަދި، ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެނަމަ އެ ފައިސާއަކީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއް ކަމުގައި ކަނޑައަޅައި ޝަރީއަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ތިމާވެއްޓާ ރަށްޓެހިކޮށް ފަރުމާކޮށްފައި ހުންނަ އެއްގަމު އުޅަނދު އަދި ބެޓަރީ ހަކަތަ ނުވަތަ އިރުގެ ހަކަތަ ފަދަ، ތެޔޮ އަންދައިގެން އުފައްދާ ހަކަތަ ނޫން އެހެން ހަކަތައެއް ބޭނުންކޮށްގެން ދުއްވާ އެއްގަމު އުޅަނދު ރަޖިސްޓަރީކުރަން ނުޖެހޭ ގޮތަށް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ. އަދި، މިނިސްޓްރީން ގަބޫލުކުރާ އެހެން ގައުމެއްގެ ލައިސަންސެއް އޮންނަ ފަރާތްތަކަށް އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، 90 (ނުވަދިހަ) ދުވަހަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެކަމަށް ކަނޑައަޅުމާއި ޓެކްސީގެ ހިދުމަތްދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، ޕްރައިވެޓް ހަޔާގެ ހިދުމަތް ދެވޭނެ ގޮތްތައް ކަނޑައެޅުމާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުފަހަރާމެދު އަމަލުކުރެވޭ އިޖުރާއަތުތައް ވެސް އެ ބިލުގައި ހިމަނާފައިވެއެވެ.

ރައީސް ސޯލިހް އެ ބިލުތައް ތަސްދީގުކުރެއްވުމާއި ގުޅިގެން އެ ތިން ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.