ހިޔާ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން މާލޭ ދަފްތަރު ކެޓަގަރީ (އެޗް9) ގައި ޕޮއިންޓު ދީފައިހުރި ގޮތާމެދު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މުއިއްޒު ކުރެއްވި ޓުވިޓުގައި ވަނީ އެކުގައި އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް، ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓު ދެމީހުންނަށް ތަފާތު ކޮށް ދީފައިވަނީ ކީއްވެތޯ ސަރުކާރާ ސުވާލުކޮށްފައެވެ.
އޭގެ އިތުރުން މިއަދު ނެރުނު ލިސްޓުގައި އެކަން ވަރަށް ގިނަ ރައްޔިތުންނަށް ދިމާވެފައިވާ ކަމުގެ ކަންބޮޑުވުން ލިބެމުންދާ ކަމަށްވެސް މުއިއްޒުގެ އެޓުވިޓުގައި ވަނީ ވިދާޅުވެފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖައާ ކުރުމަށްފަހު، H09 ކެޓަގަރީ މާލޭ މުނިސިޕަލިޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހާއްސަ ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން އަންނަނީ ބަލަމުންނެވެ.
ހިޔާ މަޝްރޫއުގެ H09 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ހިޔާ މަޝްރޫއުގެ H09 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މާދަމާއިން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައްވާފައި ވަނީ ރައީސް އޮފީހުގެ ލިންކު މެދުވެރިކޮށް ކަމަށް އެ ފަރާތުން ބުނެއެވެ.