ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގްތިސޯދީ ގޮންޖެހުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށްދޭ 250 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރާ މިއަދު ހަވާލު ކޮށްފިއެވެ.

ޕޮޒިން މިނިސްޓްރީން ބުނީ އެ ލޯނު ހަވާލު ކޮށްފައި ވަނީ މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ އެހީގެ ރަމްޒީ ޗެކް، މިނިސްޓާ އޮފް ފޮރިން އެފެއަޒް އަބްދުﷲ ޝާހިދާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

އިންޑީއާއިން 250 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދީފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެދިވަޑައިގަތުމާ ގުޅިގެންނެވެ.

250 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ ސަރުކާރުން ދީފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، ޓްރެޒަރީ ބޮންޑް ގަނެގެންނެވެ. މިއީ ކޮވިޑް-19ގެ ހާލަތު ދިމާވިފަހުން ގައުމަކުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީއެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގާތް އެކުވެރިއެއްކަމަށާއި، އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން ކަމަށެވެ. އަދި ފަތުރުވެރިކަން މެދުކެނޑުމާ ގުޅުގެން ދައުލަތަށް ވަންނަ އާމްދަނީ ވަރަށް ބޮޑުތަނުން މަދުވެފައިވާ މިދަނޑިވަޅުގައި، މިއަދު އިންޑިއާއިން ފޯރުކޮށްދެއްވި އެހީގެ ސަބަބުން ދައުލަތަށް މިވަގުތަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ އިންޑިއާއިން ދީފައިވާ އެހީގެ ބޭނުންކުރެވޭނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 ރެސްޕޮންސް ޕެކޭޖްތަކަށް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯގެ އިތުރުން ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.