ކޮވިޑް-19އިން ރައްކާތެރި ވުމަށް ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވިތާ ދެ މަސް ވެފައިވާއިރު، ދެވަނަ މަހުގައި ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް 61 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ބޯޑަރު ހުޅުވިތާ ދެ މަސް ވެފައިވާއިރު، 13،516 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި އަދި ދެވަނަ މަހުގައި ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް 61 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން ބޯޑަރު ހުޅުވިތާ ދެވަނަ މަހު ރާއްޖެ އަށް ވަނީ 4458 ފަތުރުވެރިން އައިސްފައިވާ ކަމަށް އިމިގަރޭޝަނުން ބުނެއެވެ.

އެގޮތުން މިދިޔަ މަސްދުވަހު ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޔޫއޭއީ އައި އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ގައުމުތަކުންނެވެ.

މިދިޔަ މަހު ރާއްޖއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރު ވެފައި ވާއިރު، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 22،896 ފަރާތެއް އެތެރެވެފައިވެއެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓުތަކަށާއި ސަފާރީ ތަކަށެވެ. އަދި އަންނަ މަހުގެ 15 އިން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފެށުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.

ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވި ފަހުން މިއަދާ ހަމައަށް 25 ރިސޯޓަކުން ވަނީ ކޮވިޑް ކޭސްތައް ފެނިފައެވެ. އޭގެ ތެރޭގައި 15 ޓޫރިސްޓަކާއި 39 މުވައްޒަފަކު ހިމެނެއެވެ.