މިއަދު ކޮވިޑަށް 81 މީހުން ޕޮޒިޓިވް ވެ 111 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 81 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި 70 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 11 މީހެކެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ 58 ދިވެހިންނާއި 23 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި 81 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9649 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 111 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 8188 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 111 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 650 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 33 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 22 ރަށަކާއި 25 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 15 ޓޫރިސްޓަކާއި 39 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ އަތޮޅުން ދިއްދޫ އާއި އިހަވަންދޫއާއި ކެލާ، ހދ. ހިރިމަރަދޫ، ށ. އަތޮޅުން ކަނޑިތީމާއި ފީވަށް، ނ. އަތޮޅުން މަނަދޫ، ރ. އަތޮޅުން ރަސްމާދުއާއި ދުވާފަރު، ޅ. އަތޮޅުން ނައިފަރު، ކ. އަތޮޅުން ހިންމަފުއްޓާއި ހުރާ، އއ. އަތޮޅުން މާޅޮސް، ދ. އަތޮޅުން ހުޅުދެލި، ތ. އަތޮޅުން ވޭމަންޑޫ، ގއ. ވިލިގިނލި އާއި މާމެންދޫ، ގދ. އަތޮޅުން ގައްދޫއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ގަން އަދި ހުޅުދޫއެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އާއި ގދ. މަޑަވެލި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ށ އަތޮޅު ކޮވިޑް ފެސިލިޓީ އާއި ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީއެވެ.