ސެޕްޓެމްބަރު 19، 2003 ވަނަ ދުވަހު ޖަލުގައި މަރާލި އީވާން ނަސީމްގެ މަރުގެ ހަގީގަތް ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.

2003 ވަނަ އަހަރު މާފުށީ ޖަލުގައި އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުން ފާހަގަކުރަމުން އެމްޑީޕީން ބުނީ މިއަދަކީ މ.އޭޝިއާ އުމުރުން 19 އަހަރުގެ އީވާން ނަސީމު މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ތަޅައި އަނިޔާކޮށް މަރާލިތާ 17 އަހަރު ފުރޭ ހިތާމަވެރި ދުވަސް ކަމަށެވެ.

އަނިޔާވެރި އެއްވެސް އަމަލަކާ ނުލައި، އުމުރުން އެންމެ 16 އަހަރުގައި ޖަލަށްލައި ހައްޔަރުކުރި އީވާން ނަސީމު، އޭގެ 3 އަހަރު ފަހުން މާފުށީ ޖަލުގައި ސިފައިން އެނާގެ ގައިގައި ތަޅައި ލާއިންސާނީ އަނިޔާ ކުރުމަށްފަހު މަރާލާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އެއަށްފަހު އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

17 އަހަރު ކުރިން މާފުށީ ޖަލުގައި ހިނގި އެ ހާދިސާއަކީ ޖަރީމާއެއްގެ ގޮތުގައި ސިފަކުރަމުން އެމްޑީޕީން ބުނީ، އެ ޖަރީމާއާ ދެކޮޅަށް ޖެހިގެން އައި ދުވަހު ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލައި އަދި އެނޫން ގައިދީންތަކެއް ޒަޙަމްކުރި އަނިޔާވެރި ޙާދިސާ ހިންގާފައި ވަނީ ވެސް އެ ޙާދިސާއާ ގުޅިގެން ކަމަށެވެ.

ހަމައެއާއެކު އެ ޖަރީމާއަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުން ދިޔަ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ. އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެ ދޫކޮށްފައިވާ ކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިޔަ ވާހަކަތަކުގެ ހަގީގަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ގަބޫލުކުރެވޭ މިންވަރަށް ތިލަވެގެން ދިޔަ ޖަރީމާއެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔަ ކަމަށް ވެސް އެޕާޓީން ބުނެއެވެ.

ރައީސް މައުމޫނުގެ ސަރުކާރުގެ އަނިޔާވެރި ޖަރީމާއަށް ފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ހަގީގަތް ހޯދިފައިނުވާ ކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށް ވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައި ވަނީ އޯޑަރުގެ މަތިން ނޫންކަމަށް ވާނަމަ ސިފައިންގެ ގާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަހުގީގެއް ހިންގައި އެކަމަށް ޝަރީއަތް ކޮށްފައި ނުވާތީ، އެކަމުގެ ހަގީގަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހިފައި ވާކަމަށް އެމްޑީޕީން ބުނެއެވެ.

ސިފައިން ތަޅައި އަނިޔާކޮށް މަރާލި އީވާން ނަސީމާއި އަދި އިހްތިޖާޖު ކުރުމުން ބަޑިޖަހައި މަރާލި އެންމެހައި ގައިދީންގެ ފުރާނައަށް ސުވަރުގެ މިންވަރުކޮށްދެއްވުމަށް ދުއާކުރާ ކަމަށާއި އާއިލާތަކަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުއާ ކުރާ ކަމަށް އެމްޑީޕީން ބުނެއެވެ.