ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތަށް ކޮށްފައިވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ އަހުމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) އާއި، އޭރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް ޢަބްދުﷲ ސައީދު (މ.މުހައްމަދީއާބާދު، ކ.މާލެ) ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) ޢިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހްގީގުކޮށް ނިންމައި، އެމައްސަލައިގައި ދައުވާ ކުރުމަށްޓަކައި އިއްޔެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައި ވާ ކަމަށެވެ.
1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުން ކުރެވޭ ވަރަށް އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސްގެ އޮފީހަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ސިޓީ ފޮނުވާފައި ވެއެވެ.
ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މައުލޫމާތު ހިމަނައި އެ ތިން ފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، އެ ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސްގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައި ވަނީ އެ ޕްރޮސެސް އަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއް ކަން ދައްކަން ކަމަށް ތަހްގީގަށް ގަބޫލު ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.
އޭރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު ޒިޔާދު ރައީސްގެ އޮފީހަށް ސިޓީ ފޮނުއްވާފައި ވާއިރު، އެ ޕްރޮޕޯސަލް ތަކަކީ ކިހިނެއް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއް ކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތުމުންނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުސޫލު ނޫންކަމަށްވެސް އޭސީސީން ބުނެފައި ވެއެވެ.
އަދި އިސްލާމިކް މިނިސްޓްރީއިން އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައި ނުވާކަން ތަހްގީގަށް އެނގިފައި ވާތީ، އެމަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދީފައި ވާކަން ތަހުގީގުގައި ހޯދާފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަހީ ހެކިތަކުން ސާބިތު ކުރެވޭތީ، ޑރ. އަހްމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) ގެ މައްޗަށް ގާނޫނު ނަންބަރު 9/2014 ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާ އާއި 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
އެހެން ކަމުން ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކޮށްފައި ވާކަމަށް ތަހްގީގަށް ފާހަގަ ކުރެވޭތީއާއި، އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ޑރ އަހްމަދު ޒިޔާދު ސޮއިކުރައްވައިފައި ވާތީ، އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުން ލިބި، އެސްޖޭ ކޮންސްޓްރަކްޝަންއަށް ނަޖާއިޒް ފައިދާ ލިބިފައި ވާތީ، ޑރ. އަހްމަދު ޒިޔާދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީ ކަމަށް އޭސީސީން ބުނެއެވެ.
ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޕްރޮޕޯސަލްތައް ހޯދާފައިވާއިރު، އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދު، އެސްޖޭ ކޮންސްޓްރަކްޝަންއަށް އެ މަޝްރޫއު ހަވާލުކުރުމަށް މަސައްކަތް ކޮށްފައި ވާތީއާއި ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް، އިބްރާހީމް އަބްދުﷲ ސައީދު، ބިން ހަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގްފު އިމާރާތެއްގެ ގޮތުގައި އެ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނީ، 2018 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ، މިދިޔަ އަހަރުގެ ރޯދަ މަސް އަންނަން ވާއިރަށް، ޒިކުރާ މިސްކިތުގެ އާ އިމާރާތް ނިމި ވަގުތީ ގޮތުން ނަމާދު ކުރެވޭ ވަރު ވާނެ ކަމަށެވެ.