މަރްހޫމް ހުސައިން މުހައްމަދާއެކު ދޫނިދޫ ޖަލުގައި ހޭދަ ކުރެއްވި ދުވަހުގެ ހަނދާންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ކުރައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، މިރޭ އޮންލައިންކޮށް ބޭއްވި މަރްހޫމް ހުސައިން މުހައްމަދުގެ ތައުބީން ޖަލްސާގައި ވާހަކަަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސިޔާސީ މަސްރަހުގައި އެންމެ ހަލަބޮލިކޮށް ދިޔަ ދުވަސް ވަރު މުޒާހަރާގައި ބައިވެރިވެ އެމަނިކުފާނު ޖަލަށް ގެންދިޔަ ކަމަށެވެ. އެރޭ ހުސައިންވެސް އެމަނިކުފާނާ އެކު ޖަލުގައި ހުންނެވި ކަމަށާއި އެ ދުވަހުގެ ހަނދާން އެމަނިކުފާނު އާކުރެއްވިއެވެ.
ރައީސް ސޯލިހް އެ މަރުހޫމް ސިފަކުރެއްވީ ގައުމަށް ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ހާދިމެއްގެ ގޮތުގައެވެ. އެގޮތުން ހުސައިން މަސައްކަތް ކުރެއްވި ދާއިރާތަކުގެ ތެރެއިން ތައުލީމީ ދާއިރާއާއި މީޑިއާ އަދި ސިޔާސީ ދާއިރާ އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެމަނިކުފާނާއި ހުސައިން އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ މީގެ 32 އަހަރު ކުރިން ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެއީ އެމަނިކުފާނު ސްކޫލް ދައުރު ނިންމެވުމަށް ފަހު ޓެެލެވިޒަން މޯލްޑިވްސްގައި މަސައްކަތްޕުޅު ކުރެއްވި ދުވަސްވަރު ކަމަށާއި އޭރު ހުސައިން ހުންނެވީ އެމަނިކުފާނުގެ ވެރިއެއްގެ މަގާމުގައި ކަމަށެވެ. އެގޮތުން ޓެލެވިޒަން މޯލްޑިވްސްގައި މަސައްކަތްޕުޅު ކުރެއްވި އިރު ވަރަށް ބޮޑު އިތުބާރެއް ކުރައްވާ ވަރަށް ބައިވަރު މަސައްކަތްތައް ހަވާލުކުރެއްވި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އޭގެތެރެއިން އޭރު ބޭއްވި އަތޮޅުވެރިންގެ ބައްދަލުވުމުގައި ޓެލެވިޒަން މޯލްޑިވްސް ތަމްސީލް ކުރައްވަން އެމަނިކުފާނަށް ދެއްވި ފުރުސަތު ރައީސް ފާހަގަ ކުރެއްވެވިއެވެ.
އުމުރުން 21 އަހަރުފުޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތް ބައްދަލުވުން ވެގެން ދިޔައީ އެމަނިކުފާނަށް ގައުމުގައި ހިނގަމުންދާ ކަންކަމަށް ލޯފުޅު ހުޅުވިގެން ދިޔަ ބައްދަލުވުމެއް ކަމުގައި ރައީސް ސިފަ ކުރެއްވިއެވެ. ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމަށް މަގުފަހިވެގެން ދިޔަ އެއް ސަބަބަކަށް ވެގެން ދިޔައީ ވެސް އެ ބައްދަލުވުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ ފުރުސަތު ދެއްވިކަމަށްޓަކައި ދާއިމަށް ވަކިވެގެން ވަޑައިގެން މަރްހޫމް ހުސައިން މުހައްމަދަށް ރައީސް ޝުކުރު އަދާ ކުރެއްވިއެވެ.
އެއަށްފަހު ހުސައިން މުހައްމަދާ ބައްދަލުވެވަޑައިގަތީ މަޖިލިސް ތެރެއިން ކަމަށާއި މަޖިލީހުގައި ހުސެންއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވުނު ކަމަށް ރައީސް ވިދާޅުވިއެވެ. ފުރަތަމަ އެ މަރްހޫމާ އެކު މަސައްކަތްޕުޅު ކުރެއްވީ ހިޔާލު ތަފާތު ދެ ޕާޓީއެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. އޭރު ރައީސް ސޯލިހް ހުންނެވީ އެމްޑީޕީ މެންބަރެއްގެ ގޮތުގައެވެ. އަދި ހުސައިން ހުންނެވީ އޭރުގެ ސަރުކާރުގެ މެންބަރެއްގެ ގޮތުގައެވެ.
އެއަށްފަހު ސިޔާސީ ހަލަބޮލިކަން އެންމެ ހޫނު ވެގެން ދިޔަ ދުވަސްވަރު ކޯލިޝަނެއްގެ ގޮތުގައި އެކުގައި ހުސައިންނާ އެކު މަސައްކަތް ކުރެއްވީ ބައިވެރިއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވަކިން ރައީސްއަށް ގުޅުއްވާ، ވަކިން ބައްދަލުކުރައްވާ ވަރަށް ގިނަ އިރުޝާދުތައް ހުސައިން ދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެންމެ ފަހުން ރައީސް ސޯލީހާ ހުސައިން ވާހަކަފުޅު ދެއްކެވީ އެ މަރްހޫމް ވަކިވެގެން ދިއުމުގެ ހަފްތާއެއް ކުރިން ކަމަށް ރައީސް ވިދާޅުވިއެވެ. ފޯނުން ގުޅުއްވައިގެން ދެއްކެވި ވާހަކައިގައި މިހާރު ރައީސް ކުރައްވަމުން ގެންދަވާ މަސައްޕުޅުތަކާ ގުޅޭ ގޮތުން އެ މަރްހޫމަށް ފެނިވަޑައިގަންނަވާ ގޮތް ހާމަ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، ހުސެންގެ ތައުބީން ޖަލްސާގައި ބައިވެރިވެވަޑަިއގަތުމުގެ ފުރުސަތު ލިބުމަކީ އެމަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއް ކަަމަށެވެ. އަދި އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރެއްވިއެވެ.
މިރޭ ބޭއްވި ތައުބީން ޖަލްސާގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ އަދި މިހާރުގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި ޖަލްސާގައި އެ މަރްހޫމްގެ އާއިލާ ބޭފުޅުންނާއި ގާތް ރަހްމަތްތެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ރާއްޖޭގައި މިފަދަ ތައުބީންގެ ޖަލްސާއެއް އޮންލައިންކޮށް ބޭއްވި ފުރަތަމަ ފަހަރެވެ.
ހުސައިން މުހައްމަދަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވިދިވިދިގެން ތިން ދައުރެއްގައި ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، ސަރުކާރަށް 28 އަހަރަށް ވުރެ ދިގު މުއްދަތެއް ގައި ހިދުމަތް ކުރައްވައިފައިވެއެވެ.
މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި، ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ ހަތަރު ވަނަ ދުވަހު ރެއެވެ.