ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ވިލާތު ބައްރުގައި ފެތުރެމުންދަނީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައި ކަމަށާ، މިއާއެކު ވިލާތުގެ މަސްރަހު އިންތިހާއަށް ސީރިއަސް ވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓާ ހާންސް ކްލޫގޭ މިއަދު ވިދާޅުވީ، ހަފުތާގެ ނިސްބަތުން ބަލާއިރު ވިލާތުގައި މިހާރު ކޭސްތައް ރިޕޯޓް ކޮށްފައިވާ މިންވަރު އިތުރު ވެފައި ވަނީ، މާޗް މަހު ވިލާތަށް ކުރިމަތިވި ބަލިމަޑުކަމުގެ ފުރަތަމަ ރާޅުގެ ދުވަސްތަކަށް ވުރެވެސް ގިނައިން ކަމަށެވެ.

ފާއިތުވީ 2 ހަފުތާއެއްހާ ދުވަހަށް ބަލާއިރު ކޭސް އިތުރުވި މިންވަރު 10 ޕަސެންޓަށްވުރެ މައްޗަށް އަރައިގެން ވިލާތު ބައްރުގެ 2 ބައިކުޅަ 1 ބަޔަށްވުރެ ގިނަ ގައުމުން ރިޕޯޓް ކޮށްފައި ވާ ކަމަށެވެ. މީގެ ތެރެއިން 7 ގައުމަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ކޭސް އިތުރުވި މިންވަރު 2 ގުނަ އިތުރުވެފައި ވާކަމަށްވެސް ކްލޫގޭ ވަނީ ފާހަގަކުރައްވާފައެވެ.

ކޭސް ނަމްބަރު އިތުރުވުމަކީ ކުރިއަށް އޮތް ތަނަށް ސަމާލިވާން ލިބޭ އިންޒާރެއް ކަމަށް ކްލޫގޭ ވިދާޅުވިއެވެ. މިހާރު ކޭސް ނަމްބަރު އިތުރުވަނީ ޓެސްޓު ކުރާ މިންވަރު އިތުރު ކުރުމުން ކަމަށް ވީ ނަމަވެސް، މިކަމުން އަންގައިދެނީ ޓްރާންސްމިޝަން ރޭޓުގެ މަތިކަން ކަމަށްވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ވިލާތު ބައްރަށް ބަލާއިރު މިހާތަނަށް 4.2 މިލިއަނަށްވުރެ މީހުންނަށް ބަލިޖެހުނު ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. ރޭ މެންދަމު 00:00 ފަށައިގެން މިހާތަނަށް 18252 މީހަކަށް ބަލިޖެހިފައިވާއިރު، މި މުއްދަތުގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް ރެކޯޑް ކުރި ގައުމުތަކުގެ ތެރޭގައި ރަޝިއާ (5762)، ޔޫކްރައިން (3584) އަދި ނެދަލަންޑްސް (1753) ފާހަގަކުރެވެއެވެ. ކޮވިޑް-19ގައި ވިލާތުން މަރުވި މީހުންގެ އަދަދު 214517 އަށް އަރައެވެ.