ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 22،896 ފަރާތެއް އެތެރެވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑ. އަފްޒަލް ވިދާޅުވީ، މިއަދު 312 ފަރާތެއް ރާއްޖެއަށް އައިސްފައިވާ ކަމަށާއި އެގޮތުން މިހާތަނަށް ޖުމްލަ 22896 ފަރާތެއް ރާއްޖެއަށް އެތެރެވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް19ގެ ހާލަތުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާފައިވާ ފިޔަވަޅުތައް ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ބަލައިގަނެ ސޭފް ޓޫރިޒަމް ސްޓޭމްޕް ވަނީ ދީފައެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓުތަކަށާއި ސަފާރީ ތަކަށެވެ. އަދި އަންނަ މަހުގެ 15 އިން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފެށުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.

ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވި ފަހުން މިއަދާ ހަމައަށް 29 ރިސޯޓަކުން ވަނީ ކޮވިޑް ކޭސްތައް ފެނިފައެވެ. އޭގެ ތެރޭގައި 20 ޓޫރިސްޓަކާއި 47 މުވައްޒަފަކު ހިމެނެއެވެ.

އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9427 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 7903 އަށް އަރާފައި ވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1485 ކޭސް އެބަ ހުއްޓެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 115 އަށް އަރާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 727 މީހަކު އެބަތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި 9427 މީހުންގެ ތެރެއިން 33 މީހަކު ވަނީ ނިޔާވެފައެވެ.