މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން އަންގައި ދިނީ، "ތައްޔާރުވުމަށް ދުނިޔެ އެކުކީގައި" ފެއިލްވެފައިވާ މިންވަރު ކަމަށް، ގްލޯބަލް ޕްރެޕެއާޑްނަސް މޮނިޓަރިންގް ބޯޑު (ޖީޕީއެމްބީ) އިން އާންމުކުރި ރިޕޯޓެއް ބުނެފިއެވެ.

ޖީޕީއެމްބީއަކީ، ސިއްހީ ކާރިސާތަކަށް ދުނިޔެ ތައްޔާރުވެފައި ވާ ކަން ކަށަވަރު ކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާއި ވޯލްޑް ބޭންކު ގުޅިގެން އެކުލަވާލާފައިވާ މިނިވަން މުއައްސަސާއެކެވެ.

ބަލިމަޑުކަމަކަށް ތައްޔާރުވުމަށް މުޅި ދުނިޔެ ފެއިލްވެފައި ވާކަން ބަޔާންކޮށްފައި ވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އިތުރު އެއްބާރުލުން ދިނުމަށްވެސް ޖީޕީއެމްބީއިން އާންމުކުރި ރިޕޯޓްގައި ވަނީ ގޮވާލާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލު (މ) ހުޅުމާލެ ފެސިލިޓީ ބައްލަވާލައްވަނީ/ފޮޓޯ: ޓްވިޓާ

ކޮވިޑް-19އިން ދަސްވި ފިލާވަޅުތަކަށް ބަލާއިރު، ސިއްހީ ބަލިމަޑުކަމަކީ އިޖުތިމާއީ އަދި އިގުތިސޯދީ ނިޒާމަށްވެސް ބުރޫއަރުވަނިވި ބަލިމަޑުކަމެއް ކަން އަންގައިދޭ ކަމަށް ޖީޕީއެމްބީގެ ބޯޑުންވަނީ ފާހަގަ ކުރައްވާފައެވެ.

ސިޔާސީ ލީޑާޝިޕްގެ ހާލަތަށް ބަލާއިރު، ކަންކަން ނިންމުމުގައި ރައްޔިތުންނަށް ހިމާޔަތް ދިނުން އިސްކުރުމާއި އިގުތިސޯދިގެ އިސްކުރުމުގެ ތެރެއިން ވަކި ކަމެއް އިހުތިޔާރު ކުރުމަކީ އޮތް ފުރުސަތެއް ނޫންކަން ގައުމުތަކުގެ ލީޑަރުންނަށް އަންގައިދިން ކަމަށްވެސް ޖީޕީއެމްބީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މި ދުނިޔެއިން ގެއްލިދާ ބައި ހޯދުމަށް، 500 އަހަރުވެސް އިންވެސްޓް ކުރުމުގައި ހޭދަކުރަން ޖެހިދާނެ ކަމަށާ، މިފަދަ ބަލިމަޑުކަމަކަށް ދުރާލާ ތައްޔާރުވުމަށް އިންވެސްޓް ކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ޖީޕީއެމްބީގެ ބޯޑުން ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުން ދޫކުރައްވާ ވަޑައިގަންނަވަނީ/ފޮޓޯ: ރޮއިޓާޒް

މިހާރުން މިހާރަށްވެސް ކުރިއަށްދިއުމަށްޓަކައި ޒިންމާދާރު ލީޑާޝިޕެއް ބޭނުންވާ ކަމަށާ، އެންމެނަށް އިންސާފުން ވެކްސިން ލިބުމުގެ ފުރުސަތު ތަނަވަސްވާންޖެހޭ ކަމަށް ޖީޕީއެމްބީގެ ބޯޑުން ވަނީ ގޮވާލައްވާފައެވެ.

ކޮންމެ ގައުމެއްގެ އާބާދީއަށް ބަލާއިރު އެންމެ މަދުވެގެން 2 ޕަސެންޓް މީހުންނަށް އެންމެ ފުރަތަމަ ބުރުގައި ވެކްސިން ކަށަވަރުވާންޖެހޭ ކަމަށްވެސް ޖީޕީއެމްބީގެ ރިޕޯޓްގައި ވަނީ ގޮވާލާފައެވެ. މީގެ ތެރޭގައި ސިއްހީ ހިދުމަތުގެ ފްރަންޓްލައިން މަސައްކަތްތެރިން ހިމެނުމަށްވެސް ޖީޕީއެމްބީއިން ވަނީ ގޮވާލާފައެވެ.

ހަމަ މިފަދައިން، އާންމު ރައްޔިތު މީހާވެސް ތެދުވަން ވެއްޖެ ކަމަށާ، ވަކިވަކި ފަރުދުން ތެދުވެ ސަރުކާރުތައް ޖަވާބުދާރީ ކުރުވާ، އަނެކާގެ ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ޖީޕީއެމްބީގެ ބޯޑުވަނީ ގޮވާލައްވާފައެވެ.