މި އަހަރުގެ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމަކީ، ހިތްވަރާއި ހުނަރާއި ޢިލްމީގޮތުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް ގައުމީ ފެންވަރުގައި އެފަދަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެއް ކަމަށެވެ. އެގޮތުން މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް މި އަހަރު ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ދެ ގިންތިއަކަށް ކަމަށެވެ.

ފުރަތަމަ ގިންތިއެއްގެ ގޮތުގައި ބަލަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7، 8 އަދި 9 ވަނަ ލެވެލް އިން ސަނަދެއް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ. ދެވަނަ ގިންތި އަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ 10 ވަނަ ލެވެލް އިން ސަނަދެއް ހޯދުމުގައި ކާމިޔާބީ ހޯދާފައިވާ ފަރާތްތަކެވެ.

މި އިނާމު ހޯދަން ބޭނުންވާ ފަރާތްތައް ފޯމު ފުރިހަމަކޮށްފައި ފޮނުވާނީ، ހާއްސަ އިނާމާބެހޭ ކޮމިޓީ އަށް އެޑްރެސްކޮށް، ރައީސް އޮފީހަށް ކަމަށް އެ އޮފީހުން ބުނެއެވެ. ފޯމު ބަލައިގަންނާނީ، މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ފޯމު ބަލައިގަންނާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން ފޯމު ހުށަހަޅާ ފަރާތުގެ އަސާސީ ޝަރުތެއްގެ ގޮތުގައި ބުނެފައި ވަނީ ދިވެހި ރައްޔިތަކު ކަމުގައި ވުމާއި ހާއްސަ އިނާމަށް ހުށަހަޅާ ކާމިޔާބީ އަކީ، 2017 ވަނަ އަހަރު ނުވަތަ އޭގެ ފަހުން ލިބިފައިވާ ކާމިޔާބީއެއް ކަމުގައި ވުމާއި ހާއްސަ އިނާމަށް ހުށަހަޅާ ކާމިޔާބީއަކީ، ރާއީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، ކުރިން ލިބިފައި ނުވާ ކާމިޔާބީއެއް ކަމުގައި ވުމެވެ.

އަސާސީ ޝަރުތުގެ ތެރޭގައި އިނާމަށް ހުށަހެޅޭ މީހަކީ ނުވަތަ ފަރާތަކީ ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ ހުކުމް ތަންފީޒު ކޮށްފައިވާ ނުވަތަ ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ހުކުމް ތަންފީޒު ކުރަން ޖެހިފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ. ހަމައެއާއެކު އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޖިންސީ ފުރައްސާރަ ކުރިކަމަށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ވައްކަމާއި، މަކަރާއި ހީލަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި މަސްތުވާތަކެތީގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

ހާއްސަ ކާމީޔާބީގެ ތެރެއިން އެއްކަމަކަށް ވުރެ ގިނަ ކަންކަމުން ކާމީޔާބީ ހުށަހަޅާފައި ވާނަމަ އެކަންކަމުގެ ތެރެއިން އިނާމު ދޭނެ ކަމެެއް ކަނޑައަޅާނީ ހާއްސަ އިނާމާ ބެހޭ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަކީ، ހިތްވަރާއި ހުނަރާއި އިލްމީ ގޮތުން ހޯދާ ކާމިޔާބީތަކަށް ގައުމީ ފެންވަރުގައި ރައީސް ދެއްވާ އިނާމެކެވެ. މި އިނާމު ހައްގުވާ ފަރާތްތައް ކަނޑައަޅާނީ، ރައީސް އައްޔަން ކުރައްވައިފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.