އުމްރާއަށް މީހުން ގެންދަން ހުއްދަދިން ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ހަތަރު ވަނަ މާއްދާގެ (ށ) ގެ ދަށުން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ.
އެގޮތުން މިއަހަރުގެ މިހާ ހިސާބަށް އެކުންފުނިތަކަށް އުމްރާ ދަތުރުތައް ކުރުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާތީ އެ ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 24 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުން އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ އުމްރާގެ އަޅުކަން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަން ވެސް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި އެގައުމުގައި ތިބި މީހުންނަށް ފުރުސަތުދީގެންނެވެ.