ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ ކޮވިޑް ބަލިމީހުންނަށް، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސްގެ ފަރާތުން ސައިކޮލިޖިކަލް ފަސްޓް އެއިޑް އަދި ސައިކޯ ސޯޝަލް ސަޕޯޓް ދީފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާރު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލް، އައިޝަތު އަލީ ރަޝީދު (އައިޝާ) ވިދާޅުވީ ހުޅުމާލެ ފެސިލިޓީގައި ތިބީ ޖުމްލަ 104 މީހުން ކަމަށާއި އޭގެ ތެރެއިން 80 މީހަކަށް މިހާތަނަށް ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން އެ ފެސިލިޓީއަށް މިއަދު ޒިޔާތަޔް ކޮށްފައި ވަނީ އެ މިނިސްޓްރީގެ ސޯޝަލް ވޯކާސް އަދި ކައުންސިލާސް ހިމެނޭހެން 5 މީހުންގެ ޓީމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެތަނަށް ޖެންޑާގެ ފަރާތުން ޒިޔާރަތް ކުރުމުން އެކަމާމެދު އެ ފެސިލިޓީގައި ތިބި މީހުން ވަރަށް ހިތްހަމަ ޖެހުނު ކަމަށާއި އަދި އެ ތަނުން ދެމުން ގެންދާ ހިދުމަތް ތަކާ މެދުވެސް ހިތްހަމަ ޖެހޭކަން ފާހަގަ ކޮށްފައިވާ ކަމަށް އައިޝާ ވިދާޅުވިއެވެ. މިއަދުގެ އެ ޒިޔާރާތުގައި ބަލިމީހުންނާ ވަކިވަކިންނާއި ގްރޫޕްކޮށްވެސް ބައްދަލުކޮށް ވާހަކަ ދައްކާ ހާލު އަހުވާލު ފިލުވާފައިވާ ކަމަށެވެ.

އެ މަސައްކަތަށް ފަހު ޖެންޑާއިން ބުނީ އެއީ މުހިންމު މަސައްކަތެއް ކަމަށާއި އެ މަސައްކަތް ހަފްތާއަކު އެއްފަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެ ހަރަކާތުގައި ސައިކޯސޯޝަލް ސަޕޯޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.