ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 32 އަށް އަރައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ރޭ 3:55 ހާއިރު ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އޭނާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ބުނެއެވެ.

މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 32 ވަނަ މީހާއެވެ.

މިއީ މިބަލީގައި މިމަހު ނިޔާވި 4 ވަނަ މީހާއެވެ. އެގޮތުން، މިމަހު 1 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދަނިކޮށް 79 އަހަރުގެ ފިރިހެނަކު ނިިޔާވެފައި ވާއިރު، މިމަހު 9 ވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ 60 އަހަރުގެ ފިރިހެނަކު ވެސް ވަނީ ނިޔާވެފައެވެ.

ހަމައެއާއެކު، މިމަހު 8 ވަނަ ދުވަހު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ކެންސަރަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި 58 އަހަރުގެ މީހާވެސް ނިޔާވީ ކޮވިޑްގައި ކަމަށް ވަނީ ނިންމާފައެވެ.

މިހާތަނަސް މިބައްޔަށް 9052 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، 32 މީހަކު ނިޔާވެ، 7055 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި 1960 އެކްޓިވް ކޭސް އުޅޭއިރު، އޭގެ ތެރެއިން 116 މީހުން ހޮސްޕިޓަލުގައި ތިބި އިރު 908 މީހުން ތިބީ އައިސޮލޭޝަނުގައެވެ.

މީގެ އިތުރުން ވެސް މި ބައްޔަށް ޕޮޒިޓިވްވި 6 މީހަކު ވަނީ ނިޔާވެފައެވެ. ނަމަވެސް އެމީހުން ނިޔާވީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.