ގދ. ހޯޑެއްދޫން ޕޮޒިޓިވް މީހުންގެ ތެރެއިން 8 މީހަކީ ހައިރިސްކް މީހުން ކަމަށާއި ކޮންޓެކްޓް ޓްރޭސިންއިން ފާހަގަވި މީހުންގެ ތެރެއިން 18 މީހަކީ ހައިރިސްކް މީހުން ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ހޯޑެއްދޫއިން ޕޮޒިޓިވް ވެފައިވާ 38 މީހުންގެ ތެރޭގައި ހައިރިސްކް 8 މީހަކު ތިބި ކަމަށެވެ. އަދި މިހާތަނަށް 202 މީހަކު ކޮންޓެކްޓް ޓްރޭސިން އިން ފާހަގަ ވެފައިވާ ކަމަށާއި އޭގެ ތެރއިން 18 މީހަކީ ހައިރިސްކް މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް އެ ރަށުން ޕޮޒިޓިވް ވި މީހުންގެ ތެރެއިން 6 ޕަސެންޓް މީހުން ނިސްބަތްވާ ގޭބިސީ ފެނިފައިވާ ކަމަށާއި އަދި 19 ޕަސެންޓް ގޭބަސީގައި ކޮންޓެކްޓްސް ތިބި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިއްޔެ އާއި މިއަދު އިތުރު 11 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އެއީ އެންމެ ފުރަތަމަ ކޮންޓެކްޓްވި މީހުންގެ ތެރެއިން 5 މީހުންގެ ރިލީޒް ސާމްޕަލަކާއި އަދި އަލާމާތްތައް ހުރެގެން ނެގި މީހެއް ކަމަށެވެ. އޭގެ ތެރއިން އެކަކުގެ ސާމްޕަލްގެ ނަތީޖާ ލިބި، ނެގެޓިވް ވެފައިވާ ކަމަށާއި ބަކީ ސާމްޕަލް ތަކުގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 28 ރަށަކުންނާއި، 26 ރިސޯޓަކުން ކޮވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައި ވާއިރު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައިވާ 13 ފަތުރުވެރި އަކާއި، 39 ރިސޯޓަކުން މުއައްޒަފުން ހިމެނެއެވެ.

މިވަގުތު އަތޮޅުތަކުގައި 90 ދިވެއްސަކަށާއި، 18 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުން ދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫއާއި، ގދ. މަޑަވެލި އަދި ނ. މަނަދޫއެވެ.