ރާއްޖެއިން ބޭރުގެ ބައެއް މީޑިއާތަކެއް ޓެގް ކުރައްވާ މިއަދު އިދިކޮޅުގެ އެއްވުމުން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފިއެވެ.
ރައީސް ވަހީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އަމާންކަމާއި ސުލްހަވެރި ކަމާއެކު ރާއްޖޭގައި މިއަދު ބޭއްވި އެއްވުމުގައި 41 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ހައްޔަރު ކުރި މީހުންނަކީ ކޮވިޑް-19ގެ ކޮރަޕްޝަނާ ދެކޮޅަށް ނިކުން މީހުން ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
އެ ޓްވީޓްގައި ރައީސް ވަހީދު ވަނީ "އަލް ޖަޒީރާ ނިއުސް" އާއި "އޭއެފްޕީ ނިއުސް އެޖެންސީ" ގެ އިތުރުން "ބީބީސީ ނިއުސް" ޓެގް ކުރައްވާފައެވެ.
ރައީސް ވަހީދު މިއަދު އެެއްވުމުގެ ބައިވެރިން ދޫކޮށްލުމަށް ގޮވާލައްވާފައި ވާއިރު، އިދިކޮޅު ކޯލިޝަނުން ވަނީ މިއަދު މާލޭގައި ބާއްވަން މަސައްކަތް ކުރި ސައިކަލް ބުރުގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައި ވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
އެ ކޯލިޝަނުން ބުނެފައި ވަނީ އެ ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޒުވާނުން ރާވާ އިންތިޒާމް ކުރި ހަރަކާތެއް ކަމަށް ވެފައި ޒުވާނުން ވަރަށް ސުލްހަވެރިކަމާއެކު ތިއްބާ ފުލުހުން ގޮސް އެމީހުން ހައްޔަރު ކުރުމަށް އަމަލުތައް ބެހެއްޓި ގޮތުން އެ މިންގަނޑުތަކާ ހިލާފުވީ ކަމަށް ބުނެފައެވެ.
ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވާތީ އެއްވެސް ޝަރުތަކާ ނުލައި އެމީހުން ދޫކޮށްލުމަށާއި ރާއްޖެ އަޅުވެތި ކުރުމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހްތިޖާޖުތައް ނުހުއްޓުވުމަށާއި ގާނޫނުއަސާސީން ލިބިދީފައިވާ ސުލްހަވެރި ކަމާއެކު އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށްވެސް ވަނީ އިދިކޮޅުން ގޮވާލާފައެވެ.
މިއަދު އިދިކޮޅުން ބޭއްވި އެއްވުމަކީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ބޭއްވި އެއްވުމެއް ކަމަށް ބުނެ ފުލުހުން އެ އެއްވުން ހުއްޓުވާ، އެ އެއްވުމުން 41 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.