މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލް ބުރު ބޭއްވުމުގެ މަގްސަދު އޮޅިވަޑައިގެންފިއެވެ.
ރާއްޖެ އަޅުވެތި ކުރުމާ ދެކޮޅުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމާ ގުޅިގެން އާދަމް ޝަރީފް ފުރަތަމަ ކުރެއްވި ޓްވިޓްގައި އޮތީ "މިނިވަން ކަމާއި ދެކޮޅަށް" މިއަދު ބާއްވާ ސައިލު ބުރުގައި ކިތަންމެ ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓުން ލޯޔަރުން ހަމަޖައްސަވާނެ ކަމަށެވެ.
ނަމަވެސް ފަހުން އެ ޓްވީޓް ޑިލިޓް ކުރައްވާ ކުރެއްވި ޓްވީޓުގައި އޮތީ "މިނިވަން ކަމުގެ ދިފާއުގައި" އެ ކޯލިޝަނުން ބާއްވާ އެއްވުމެއް ކަމަށެވެ.
އާދަމް ޝަރީފް އެފަދައިން ވިދާޅުވެފައި ވާއިރު، މިއަދުގެ ސައިކަލު ބުރުގައި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުުޅުންވެސް ބައިވެރިވަޑައިގަތެވެ. ނަމަވެސް މިއަދުގެ އެ ހަރަކާތަކީ ސީދާ އެ ދެ ޕާޓީން އިންތިޒާމު ކުރާ ހަރަކާތެއް ނޫން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. މިއަދުގެ އެ ސައިކަލު ބުރުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ދެ ނާއިބު ރައީސުން ކަމަށްވާ އިބްރާހިމް ޝުޖާއު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސައިކަލު ބުރުގަައި ބައިވެރިވާން ދިޔަ ޒުވާނުން މަޖީދީމަގުގައި ސައިކަލު ބުރު ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ ޒުވާނުންގެ ސައިކަލު ބުރަށް ހުރަސް އަޅާ ހުއްޓުވާފައެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުންތަކެއް ވަނީ ހައްޔަރު ކޮށްފައެވެ.
އާދަމް ޝަރީފުގެ ޓްވީޓާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިއަދު ބޭއްވި އެއްވުމުގެ މަގްދަސު އޮޅިވަޑައި ނުގަންނަވާ ކަމަށާއި އެކަންތައް ހިނގަމުން ދިޔައިރު ހުރިހާ ފަރާތްކެއްގެ މަސައްކަތް ތަކެއްވެސް ފެނިވަޑައިގެންނެވި ކަމަށެވެ.
މިއަދުގެ މުޒާހަރާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް މިއަދު ބޭއްވި އެއްވުން ފުލުހުން ހުއްޓުވާފައިވާ ކަމަށާއި އަދި އެ އެއްވުމުގައި 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.