މިއަދުގެ އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލް ބުރު އެއްވުމުން 41 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް މިއަދު ބޭއްވި އެއްވުން ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ އެއްވުމުގައި 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިއަދު އިދިކޮޅި ކޯލިޝަނުން ބޭއްވި އެއްވުމަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެނގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައި ބޭއްވި އެއްވުމެކެވެ.

ފުލުހުން ވަނީ އެ އެއްވުން ނުބޭއްވުމަށް އިލްތިމާސް ކޮށްފައެވެ. ސައިކަލު ބުރު ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާ ކުރިއަށް ގެންދާނަމަ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނެ ކަމުގެ އިންޒާރުވެސް ދީފައި ވަނިކޮށް އިދިކޮޅުން ވަނީ ސައިކަލް ބުރު ރޫޅާލުމުން ހިނގާލުމެއް ބާއްވާ އެ އެއްވުން ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ އެ އެއްވުމުގައި 41 މީހަކު ހައްޔަރު ކޮށްފައި ވާއިރު، ކިތަންމެ ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް އެންމެންނަށް އިދިކޮޅުން ކޯލިޝަނުން ލޯޔަރުން ހަމަޖައްސައި ދޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވީ މިނިވަންކަމުގެ ދިފާއުގައި މިއަދު ބޭއްވި ސައިކަލު ބުރުގައި ކިތަންމެ ގިނަ ބަޔަކު ބަންދު ކުރި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓުގެ ލޯޔަރުން ހަމަޖެހޭނެ ކަމަށެވެ.

މިއަދުގެ ސައިކަލު ބުރުގައި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުުޅުން ބައިވެރިވަޑައިގެން ނަމަވެސް މިއަދުގެ އެ ހަރަކާތަކީ ސީދާ އެ ދެ ޕާޓީން އިންތިޒާމު ކުރި ހަރަކާތެއް ނޫން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

އެ ސައިކަލު ބުރުގައި ބައިވެރިވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް އެ ސަރަަހައްދަށް ވަޑައިގެންނެވިއެވެ.