އިދިކޮޅު ޖޫރިމަނާ ކުރުމުން "ހައްގު ފޮށި" ނަމުގައި ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ފަންޑު ފޮއްޓެއް ބަހައްޓައިފިއެވެ.

އެކަމަށް ހާއްސަކޮށް މިއަދު ހަވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފަންޑު ފޮށި ހުޅުވައި ދެއްވީ ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒާ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ހައްގު ފޮށީ ނަމުގައި ހާއްސަ ފަންޑު ފޮއްޓެއް ބެހެއްޓުމަށް އެ ކޯލީޝަންގެ ލީޑަރުން ނިންމެވީ ޕީޕީއެމާއި ޕީއެންސީ އަދި އެ ޕާޓީތަކުގެ ސިޔާސީ ބޭފުޅުން ޖޫރިމަނާ ކުރުމާ ގުޅިގެން ކަމަށެވެ. އަދި މިކަމަށް އާންމު މެންބަރުން އިންތިހާއަށް އެދިފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އެގޮތުން މި ދިޔަ މަހުގެ 28 ވީ ހުކުރު ދުވަހު އެ ކޯލިޝަންގެ ފަރާތުން ބޭއްވި ސައިކަލު ބުރާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ފަރާތުން އެ ކޯލިޝަންގެ ދެ ޕާޓީ ވަނީ ޖޫރިމަނާކޮށްފައި ކަމަށް ހީނާ ވިދާޅުވިއެވެ. ހަމައެއާއެކު ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ޖޫރިމަނާކޮށްފައިވާ ކަމަށާއި އީސީންވެސް އިންޒާރުގެ ސީޓީތައް ފޮނުވާފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މިއަދުން ފެށިގެން ޕާޓީ ރަސްމީކޮށް ހުޅުވިފައި ހުންނަ ދުވަސްތަކުގެ ޕާޓީ އޮފީހުގައި ފަންޑު ފޮށީ ހުޅުވިފައި ހުންނާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އެ ގޮތުން މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ހުކުރުދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް ފަންޑް ފޮށީ ހުޅުވިފައި ހުންނާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ހުކުރު ދުވަސްތަކުގައި ޕާޓީ އޮފީސް ހުޅުވިފައި ހުންނާނީ މެންދުރު ފަހު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އެކައުންޓް ނަންބަރު 7730000113564 އަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓަރާންސްފާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށާއި ބޭންކް އޮފް ސިލޯންގެ އެކައުންޓް ނަންބަރު 6320143736 އަށް މިހާރުން ފެށިގެން ފައިސާ ޖަމާ ކުރެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ފައިސާ ޖަމާކުރުމަށްފަހު ސްލިޕް ކޮޅޫ އެ ކޯލިޝަންގެ ވައިބާ އަދި ވަތްސްއެޕް ނަންބަރަށް ފޮނުވުމަށް ވަނީ އެދިފައެވެ. އެ ނަަންބަރަކީ 7218787 އެވެ.

މި ބައްދަލުވުމުގައި ވަހީދު ވިދާޅުވީ، ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ޕާޓީއަށް ހުރިހާ ރައްޔިތުންގެ ހިއްސާ ލިބި ކުރިއަށް ދިއުމަކީ އެ ޕާޓީއަށް ލިބޭ ވަރަށް ބޮދު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި އެ ޕާޓީގެ ހުރިހާ ސަޕޯޓަރުންވެސް ހައްގު ފޮއްޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހީނާ ވަނީ އިލްތިމާސްކުރައްވާފައެވެ.