ނ. މަނަދޫން ވެސް މިއަދު ކޮވިޑް ކޭސްއެއް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ނ. މަނަދޫން މިއަދު ޕޮޒިޓިވް ވެފައި ވަނީ އެ ރަށުގައި ފުރަބަންދުގައި ހުރި ދިވެހި ފިރިހެނެއް ކަމަށެވެ.

މަނަދޫން އެންމެ ފުރަތަމަ ފެނުނު ކޮވިޑް ކޭސްގެ މީހާ ވަނީ ނިޔާވެފައެވެ. އޭނާއަކީ ކޮވިޑާ ގުޅުން ނެތް ބައްޔެއްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމުން ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ވީ ނަމަވެސް އަނެއްކާ ފަހުން ހެދި ޓެސްޓަކުން ނެގެޓިވެ ވެފައި ތިން ވަނައަށް ހެދި ޓެސްޓަކުން އަނެއްކާ އޭނާގެ ނަތީޖާ ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން އޭނާއާ ކޮންޓެކްޓުވި އިތުރު ނުވަ މީހަކު އެރަށުން ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން އެމީހުންގެ ނަތީޖާ ނެގެޓިވްވެ މަނަދޫ މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.

މިއަދު ކޮވިޑަށް ރަށްރަށުން ޕޮޒިޓިވްވީ ފަރާތްތަކުގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭއިން އިން ބުނީ ހޯޑެއްދޫން އިތުރު ދެ ކޭސް ފެނިފައިވާ ކަމަށެވެ. އެއީ 18 އަހަރުގެ ދެ ފިރިހެނުން ކަމަށާއި އަދި އެއީ އެ ރަށުން ޕޮޒިޓިވްވި މީޙުންގެ ކޮންޓެކްޓުންގެ ތެރެއިން ފެނިފައިވާ މީޙުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ތ. ވޭމަނޑޫއިން 54 އަހަރުގެ އަންހެނަކާއި ދުވާފަރުން 23 އަހަރުގެ އަންހެނަކާއި ޅ. ނައިފަރުން ބަންގްލަދޭޝް ފިރިހެނަކު ވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.