ރާއްޖެއިން ސްރީލަންކާއަށް ދިޔަ 5 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އެއީ ދިވެހިން ކަން ސާފު ނުވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ލަންކާގެ ނޫޙެއް ކަމަށްވާ "އަދާ ދެރަނަ" އިން އެ ގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ބުނީ، މިއަދު އެ ގައުމަށް ރާއްޖެއިން ދިޔަ 5 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެ އެ ގައުމުން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 3152 އަށް އަރާފައިވާ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްޕީއޭއިން ބުނީ، ރާއްޖެއިން ބޭރަށް ފުރައިގެން ދާ ފަރާތްތަކުގެ އަޕްޑޭޓްސް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި ލަންކާއިން ޕޮޒިޓިވް ވި ފަރާތްތަކަކީ ދިވެހިން ކަން އަދި ސާފުނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ރާއްޖެއިން ބޭރަށް ދާ ފަރާތެއް ޕޮޒިޓިވް ވެއްޖެ ނަމަ އެ މައުލޫމާތު ހޯދާނީ އެ ގައުމެއްގެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް ކަމަށާއި އަދި އެ މައުލޫމާތަކީ ސައްހަ މައުލޫމާތުތޯ ވެސް ބަލާނެ ކަމަށެވެ. ޕޮސިޓިވް ކޭސްއެއްގެ މައުލޫމާތު އެގޮތަށް ލިބިއްޖެނަމަ ފޯކަލް ޕޮއިންޓުން އެޗްޕީއޭއަށް އަންގާނެ ކަމަށާއި މިހާތަނަށް އައި އިރު މާ ކްރިޓިކަލް އެލާޓެއް އައިސްފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާ އިރު މިހާރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 8834 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 6288 އަށް އަރާފައެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 2509 ކޭސް ހުރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނީ 127 މީހަކަށާއި އައިސޮލޭޝަން ފެސިލިޓީގައި ތިބީ 1034 މީހެކެވެ. އަދި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 8834 މީހުންގެ ތެރެއިން 31 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.