އަމިއްލަ މަސްލަހަތު އިސް ކުރައްވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ އެދިވަޑައިގެންފިއެވެ.

ޝުއައިބު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިީޓީއެއްގައި ވިދާޅުވީ، ރައީސް ނަޝީދު ޕާޓީގެ އަސާސީ ޤަވާއިދާ ހިލާފަށް އަމަލުކުރެއްވުމާއި، ޕާޓީ ތަމްސީލް ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރައްވާ ކަމަށެވެ.

އަދި، ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިންވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަން ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތްޕާޓީގެ ޗެއާ ޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ކޮށްދެއްވުމަށް އެދި ޝުއައިބު ވަނީ ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވިސްނުންފުޅު މިހާރު އެ ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫހުގައި ކަމަށާއި ޕާޓީގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުންކުރައްވާ ކަމީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއްގެނެސް ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވުމަށް ދެކޭ ހުވަފެން ހަޤީތަކަށް ހެދުމަށް ރައީސް ނަޝީދު ބޭނުންފުޅުވާ ކަމަށް ޝުއައިބު ވިދާޅުވިއެވެ.

ޝުއައބު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް އިބްރާހީމް މުހައްމަދު ހޯލިހުގެ ވެރިކަން ބަދަލުކޮށް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް ނޭދޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތު ތެރެއިން ބޮޑުވަޒީރަކާއި ސަރުކާރު ހަވާލުކުރުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ރައްކާތެރި ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ، އްޔާޒު އެކަހެރިވެވަޑައިގަތުމަށް އެދިވަޑައިގެން ނަޝީދު އެމްޑީޕީގެ ޗެއާޕާސަނަށް ފޮނުއްވި ސިޓީއާ ގުޅިގެންނެވެ. އެ ސިޓީގައި ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައި މިވަގުތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ފައްޔާޒް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށް ދަންނަވަނީ ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެެވެ.

ނަމަވެސް އެއީ ފައްޔާޒާ އެއްވެސް ޒާތީ މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ‏އެސިޓީގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ހާ މީހުން ތާއީދުކޮށް ވޯޓުދޭ ޕާޓީއެއް ކަމަށެވެ.

ފައްޔާޒް މަގާމުން ދުރު ކުރުމަށް މަސައްކަތް ކުރައްވަނީ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެންކަން ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވަނީ ސިޓީ ލިޔުއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާ ނިސްބަތްކޮށް މީހުން އެންމެ ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށެވެ. އަދި ފައްޔާޒު ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ޖިނާއީ މިންވަރަށް ބެލުމަކީ އެއީ ސިޔާސީ މަސައްކަތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވަނީ ފައްޔާޒު މަގާމުން ދުރުކުރުމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވަނީ، ފައްޔާޒާ ދެކޮޅަށް 30 ސޮއި ހަމަ ކުރެއްވިފައި ވާ ކަމަށާއި އަދި 35 ސޮއި ހަމަކުރެއްވުމަށް ފަހު، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ހިނގާ ކަންތައްތައް ޕާޓީގެ ތެރެއިން ނިންމުން ރަނގަޅުވާނެ ކަމަށާއި ފައްޔާޒުު ވެސް ޕާޓީއަށްޓަކައި ދުވަސް ކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ފަހަތަށް ޖެހެން ޖެހޭ ފަހަރު އެމަނިކުފާނުވެސް ފަހަތަށް ޖެހިވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަށް ކުރިން ކުރެއްވި މަސައްކަތުގައި ނަޝީދަށް ހަމަ ކުރެއްވުނީ 19 ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރަން 44 ވޯޓު ބޭނުން ވާއިރު، އެ އަދަދަށް ނަޝީދަށް އަދި ވޯޓު ހަމަކުރެއްވިފައެއްވެސް ނުވެއެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ މައްސަލައިގައި ނަޝީދާ ދެކޮޅަށް ވެސް ނުކުންނަވާފައެވެ. ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ސަބަބެއް މިހާތަނަށް އެކަމުގައި އުޅުއްވާ ބޭފުޅުން ހާމަކުރައްވާފައެއް ނުވެއެވެ.