މައުލޫމާތު ހާމަ ކުރުމުގެ ރަންވަނަ އެވޯޑާއި އެންމެ ހިދުމަތްތެރި އިންފޮމޭޝަން އޮފިސަރު ހޮވުމާއި އަދި މައުލޫމާތު ހާމަކުރުމުގައި އެންމެ ފާހަގަ ކުރެވޭ މީޑިއާއަށްދޭ އެވޯޑް މިއަހަރު ނެދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމައިފިއެވެ.

މީގެ ތެރެއިން ބައެއް އެވޯޑްތަކަކީ އައިކޮމް އިން މިއަހަރު އަހަލަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ އެވޯޑްތަކެތެކެވެ. މި އެވޯޑްތައް ދިނުން ލަސް ކުރުމަށް އައިކޮމް އިން ނިންމާފައި ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށް އައިކޮމް އިން ބުނެއެވެ.

އައިކޮމް އިން ބުނީ މިއަހަރު މި އެވޯޑްތައް ނުދޭން ނިންމި ނަމަވެސް، އަންނަ އަހަރުން ފެށިގެން މި އެވޯޑްތައް ގަވާއިދުން ދެމުން ގެންދާނެ ކަމަށެވެ.

މި އެވޯޑުތަކަކީ ގާނޫނު އަސާސީގެ މާއްދާ 29 އިން އެކަށައަޅާފައިވާ ހައްގު، މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގު ލިބިދޭކަން ކަށަވަރުކޮށް، އެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑްތަކެކެވެ.

އިންފޮމޭޝަން ކޮމިޝަނުން ވަނީ މާއްދާ 29 އިން އެކަށައަޅާފައިވާ ހައްގު، މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގު ލިބިދޭކަން ކަށަވަރުކުރުމަށް ކެމްޕޭނެއް ވެސް ހިންގާފައެވެ. އެގޮތުން އެ ކެމްޕޭނުގައި ގިނަ އިދާރާތަކަކާއި އައިކޮމް އިން ވަނީ ބައްދަލުކޮށް މައުލޫމާތު ހާމަކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.