ރާއްޛޭގައި މިވަގުތު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް ބައްޔާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ޕީސީއާރް ޓެސްޓު ކުރަން ފަށާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ކޮވިޑްގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ މިއަދު ހުޅުމާލެ ހޮސްޕިޓަލުގައި ޕީސީއާރް ޓެސްޓު ކުރަން ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

އަފި ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ލިބިފައިވާ ޖީންއެކްސްޕާޓް މެޝިންތައް ޓެސްޓުކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެ ގޮތުން ގއ. ވިލިނގިލި، ޏ. ފުވައްމުލައް، ޅ. ނައިފަރު އަދި ށ. ފުނަދޫގައި މެޝިންތައް އިންސްޓޯލް ކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިނިސްޓްރީގެ ސްޓޮކްގައި މިވަގުތު 45،000 ރިއެކްޝަންސް ނުވަތަ ޓެސްޓު ކުރެވޭ ކިޓް އެބަހުރި ކަމަށާއި، އަދި ޖީން އެކްސްޕާޓް 11،000 ކާޓްރިޖް އެބަހުރި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިހަފްތާގައި ވެސް ޖީން އެކްސްޕާތް ކާޓްރިޖް ޝިޕްމަންޓެއް ވަނީ ލިބިފައި ކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޕީސީއާރް ޓެސްޓު ކުރެވެން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. މިހާރު މާލެ ސަރަހައްދުގައި ޓެސްޓު ކުރެޥޭ ތަންތަނުގެ ތެރޭގައި ހިމެނެނީ އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ޕޮލިސް ލެބްއެވެ.