ސަރުކާރުގެ މަގާމެއްގައި ހުންނެވި ވަޒީރަކު މަގާމުން ވަކިކުރެވޭނީ ގާނޫނުގައި އޮތް ތިން ހާލަތުގައި އެކަނި ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދަޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ މަގާމެއްގައި ހުންނެވި ވަޒީރަކު މަގާމުން ވަކި ކުރެވޭނީ ތިން ހާލަތެއްގައި ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފާހަގަ ކުރައްވާފައި ވަނީ އެއީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކުރުމާއި ވަޒީރަކު ވަކިކުރެއްވުމަށް އެ އިރެއްގައި ހުންނަވާ ރައީސަކު ނިންމެވުމުގެ އިތުރުން އެ ވަޒީރަކު އަމިއްލައަށް އިސްތިއުފާ ދެއްވުމުން ކަމަށެވެ.

އުޝާމް އެފަދައިން ވިދާޅުވެފައި ވަނީ އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އެކަހެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު އެފަދައިން އިލްތިމާސް ކުރައްވާފއި ވާއިރު، 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، "މަގާމުން ދުރުވާން ވީމައި އިޝާރާތް ކުރައްވާނީ ރައީސް ސޯލިހު" ކަމަށެވެ.

މީގެ ކުރިން ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަށް ކުރެއްވި މަސައްކަތުގައި ނަޝީދަށް ހަމަ ކުރެއްވުނީ 19 ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރަން 44 ވޯޓު ބޭނުން ވާއިރު، އެ އަދަދަށް ނަޝީދަށް އަދި ވޯޓު ހަމަކުރެއްވިފައެއްވެސް ނުވެއެވެ.

އަދި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ މައްސަލައިގައި ނަޝީދާ ދެކޮޅަށް ވެސް ނުކުންނަވާފައެވެ. ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ސަބަބެއް މިހާތަނަށް އެކަމުގައި އުޅުއްވާ ބޭފުޅުން ހާމަކުރައްވާފައެއް ނުވެއެވެ.