އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އެކަހެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރެއްވުމާ ގުޅިގެން، އެކަން ކުރައްވަން ވީމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިޝާރާތް ކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މަގާމުން ދުރުވާން ވީމައި އިޝާރާތް ކުރައްވާނީ ރައީސް ސޯލިހު ކަމަށެވެ.

ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް އެދިވަޑައިގެން ނަޝީދު އެމްޑީޕީގެ ޗެއާޕާސަނަށް ފޮނުއްވި ސިޓީއާ ގުޅިގެން ފައްޔާޒު ވިދާޅުވީ، އޭނާ ވެސް އެދިވަޑައިގަންނަވަނީ ރައީސް ނަޝީދު އެދިވަޑައިގެންފައިވާ ގޮތަށް ވީހާވެސް ގިނަ އެމްޑީޕީ މެންބަރުންނާއި އަދި ދިވެހި ރައްޔިތުންނަށް ރައީސް ނަޝީދުގެ ސިޓީ ހިއްސާވާނެ ގޮތެއް ވުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެ ސިޓީގައި ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައި މިވަގުތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ފައްޔާޒް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށް ދަންނަވަނީ ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެެވެ.

ނަމަވެސް އެއީ ފައްޔާޒާ އެއްވެސް ޒާތީ މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ‏އެސިޓީގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ހާ މީހުން ތާއީދުކޮށް ވޯޓުދޭ ޕާޓީއެއް ކަމަށެވެ.

ފައްޔާޒް މަގާމުން ދުރު ކުރުމަށް މަސައްކަތް ކުރައްވަނީ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެންކަން ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވަނީ ސިޓީ ލިޔުއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާ ނިސްބަތްކޮށް މީހުން އެންމެ ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށެވެ. އަދި ފައްޔާޒު ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ޖިނާއީ މިންވަރަށް ބެލުމަކީ އެއީ ސިޔާސީ މަސައްކަތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ ިއތުރުން ނަޝީދު ވަނީ ފައްޔާޒު މަގާމުން ދުރުކުރުމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވަނީ، ފައްޔާޒާ ދެކޮޅަށް 30 ސޮއި ހަމަ ކުރެއްވިފައި ވާ ކަމަށާއި އަދި 35 ސޮއި ހަމަކުރެއްވުމަށް ފަހު، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ހިނގާ ކަންތައްތައް ޕާޓީގެ ތެރެއިން ނިންމުން ރަނގަޅުވާނެ ކަމަށާއި ފައްޔާޒުު ވެސް ޕާޓީއަށްޓަކައި ދުވަސް ކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ފަހަތަށް ޖެހެން ޖެހޭ ފަހަރު އެމަނިކުފާނުވެސް ފަހަތަށް ޖެހިވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަށް ކުރިން ކުރެއްވި މަސައްކަތުގައި ނަޝީދަށް ހަމަ ކުރެއްވުނީ 19 ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރަން 44 ވޯޓު ބޭނުން ވާއިރު، އެ އަދަދަށް ނަޝީދަށް އަދި ވޯޓު ހަމަކުރެއްވިފައެއްވެސް ނުވެއެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ މައްސަލައިގައި ނަޝީދާ ދެކޮޅަށް ވެސް ނުކުންނަވާފައެވެ. ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ސަބަބެއް މިހާތަނަށް އެކަމުގައި އުޅުއްވާ ބޭފުޅުން ހާމަކުރައްވާފައެއް ނުވެއެވެ.