ގދ. ހޯދެއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު ގއ. ވިލިނގިލީގައި ގާއިމު ކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލު ކޮށްފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހޯޑެއްދޫގައި ޕޮޒިޓިވް ވެފައިވާ އުމުރުން ދުވަސްވީ ދެ މީހަކު ވިލިނގިލީ ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ބަދަލު ކޮށްފައި ވަނީ އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނެއް ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެމީހުން އެ ފެސިލިޓީއަށް މިރޭ ބަދަލު ކޮށްފައި ވާއިރު، މަޑަވެލި އަދި ހޯޑެއްދޫން ނެގި ސާމްޕަލްގެ ތެރެއިން 13 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށާއި އަދި ނަތީޖާ ނުލިބި 147 ސާމްޕަލް އެބަހުރި ކަމަށް ރޭ އެޗްއީއޯސީން ވަނީ ބުނެފައެވެ.

މި ބައްޔަށް ރާއްޖެއިން މިހާތަނަށް 8667 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ. ގިނައިން ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2580 މީހެކެވެ. އޭގެ ތެރެއިން 142 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1118 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. ރާއްޖެއިން ކޮވިޑް ޖެހި ބަލިން ރަނގަޅުވި މީހުންގެ އަދަދު 6052 އަށް ވަނީ އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 35 ރަށަކާއި 22 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 19 ޓޫރިސްޓަކާއި 48 ސްޓާފުންނެވެ.