އިންޑިއާގެ ސާވައިލަންސް ޑޯނިއާ ދެ ފްލައިޓްގެ ތެރެއިން ބެކްއަޕް ފްލައިޓް ރާއްޖެއިން ފުރައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 10:25 ހާއިރު ރާއްޖެ އައި އިންޑިއާގެ ސާވައިލަންސް ޑޯނިއާގެ ދެ ފްލައިޓްގެ ތެރެއިން ބެކްއަޕް ފްލައިޓް މިއަދު މެންދުރު ފަހު 1:30 ހާއިރު ފުރާފައިވާ ކަަމަށެވެ.

ސިލްސިލާކޮށް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދާ އޮޕަރޭޝަނަށް އައި ދެ ފްލައިޓް މިއަދު ހެނދުނު ޖައްސާފައި ވަނީ ހަނިމާދޫ އެއާޕޯޓުގައެވެ. އެގޮތުން އެ ފްލައިޓުތަކުގައި އައި މީހުން އަމަލު ކުރާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެ ސާވައިލަންސްގައި އައި މީހުން ރާއްޖޭގައި 16 ދުވަހުގެ މުއްދަތަކަށް މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޮ

އިންޑިއާގެ އަސްކަރީ 2 ބޯޓު ހަނިމާދޫގައި ޖައްސާފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ރާއްޖެ، އިންޑިއާއަށް ވިއްކާލަން އުޅޭ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

އޭގެ އިތުރުން އިންޑިއާއިން ރާއްޖޭގައި ގާއިމުވެ ތިބޭ ތަނަކަށް ހަނިމާދޫ ހަދާ ވާހަކައަކީވެސް ބާރަށް ދެކެވެމުންދާ ވާހަކައެކެވެ. މިކަން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން ދޮގު ކުރި ނަމަވެސް، ހަމިނާދޫ އެއާޕޯޓު ތަރައްގީ ކުރުމަށް އިންޑީއާއިން އެހީދޭކަން އެގައުމުން ވަނީ އިއުލާނު ކޮށްފައެވެ.