ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، "ދިވެހިރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ބިލު" މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލުގައި "އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ގާނޫނީ ޝަހްސެއް އުފައްދުމަށް ކަނޑައަޅާފައިވެއެވެ. އެ އިންސްޓިޓިއުޓް އުފެއްދުމުގެ ބޭނުމަކީ އެކައުންޓެންސީ ދާއިރާއާއި ގުޅޭ ކަންކަން ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމެވެ.
އެ އިންސްޓިޓިއުޓްގެ މެންބަރުންގެ ގިންތިތައް ކަނޑައަޅައި، އެކި ގިންތީގެ މެންބަރުންގެ ޝަރުތުތަކާއި، އެ މެންބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ހަމަތަކާއި، އެ ނޫން ވެސް ކަންކަމާއި ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އުފައްދާ އިދާރާއަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހްސެއްކަން ބަޔާންކޮށްފައިވެއެވެ.
އެ އިދާރާގެ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އޯގަނައިޒޭޝަނެއްގެ އެސޯސިއޭޓް މެންބަރުންނަށް މި ބިލުގެ ދަށުން ފަހިކޮށްދީފައިވެއެވެ. އަދި، ގާނޫނަށް އަމަލުކުރަން ފަށާއިރު އެސޯސިއޭޓް މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން، އެކައުންޓެންޓެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް "ފެލޯ" މެންބަރުންނަށް ވުމުގެ ފުރުސަތު ވެސް މި ބިލުން ފަހިކޮށްދީފައިވެއެވެ.
މި ބިލު ގާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއިއެކު، ރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ އިދާރާއަށް ލިބިގެންދާގޮތަށް ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި، ރާއްޖޭގައި ޤާނޫނީ އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި، ގިންތިކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވެގެންދާނެއެވެ.