އިންޑިއާގެ އަސްކަރީ ދެ ޑޯނިއާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ. މިކަމާ ބެހޭ މައުލޫމާތެއް އެއާޕޯޓުން ސާފު ނުވި އިރު، ހަނިމާދޫ ކައުންސިލަކަށްވެސް މައުލޫމާތު ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 10:25 ހާއިރު އިންޑިއާގެ ސާވައިލަންސް ޑޯނިއާ ހަނިމާދޫގައި ޖައްސާފައިވާ ކަމަށާއި، އެ ދެ ޑޯނިއާއާއި، އޭގައި އައި މީހުން މިމަހު 16އާ ހަމައަށް ރާއްޖޭގައި ތިބޭނެ ކަމަށެވެ. އަދި މިއީ ސިއްސިލާކޮށް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އާންމުކޮށް އޮޕަރޭޝަނަށް 2 ފްލައިޓް އަންނާނެ ކަމަށާއި، އެއީ އޮޕަރޭޝަނުގައި ބައިވެރިވާ ފްލައިޓުގެ އިތުރުން ބެކްއަޕް ފްލައިޓު ކަމަށެވެ. އަދި އެތަނުން ބެކްއަޕް ފްލައިޓް އާންމުކޮށް ދެދުވަސްތެރޭ ފުރާނެ ކަމަށާއި، އެގޮތުން ބެކްއަޕް ފްލައިޓް މިއަދު އެނބުރި ފުރާނެ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ބައިވެރިވަނީ އެއް ފްލައިޓު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލުން ބުނީ، މިއަދު އިންޑިއާގެ ދެ އަސްކަރީ ބޯޓު ހަނިމާދޫ އެއާޕޯޓުގައި ޖައްސާފައިވާ ކަމަށެވެ. އަދި އެކަން ކައުންސިލަށް ރަސްމީ ސިފައެއްގައި، ރަސްމީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ކައުންސިލުން ބުނީ، އެ ދެ ޑޯނިއާއިން އައި މީހުން އެރަށުގެ އެއާޕޯޓް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓުން އެމީހުން ވަނީ 8 ކޮޓަރި ހިފާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިއީ ގަދައަށް ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށް ވުމާއެކު، ބޭރުން އަންނަ މީހުން ރަށްރަށަށް އެރުމުގެ ހުއްދަ ދެނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތަކަށް ފަހުއެވެ. ނަމަވެސ،ް އިންޑިއާގެ ޑޯނިއާގައި އައި މީހުން ހަނިމާދޫއަށް ދިޔައީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ކަން ސާފުވެފައި ނުވާއިރު، އެރަށު ކައުންސިލުން ވަނީ އެކަން އެޗްޕީއޭގެ ސަމާލުކަމަށް ގެނެސްފައެވެ.

އިންޑިއާގެ އަސްކަރީ ބޯޓުތަކެއް ހަނިމާދޫގައި ޖައްސާފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ރާއްޖެ، އިންޑިއާއަށް ވިއްކާލަން އުޅޭ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

އޭގެ އިތުރުން އިންޑިއާއިން ރާއްޖޭގައި ގާއިމުވެ ތިބޭ ތަނަކަށް ހަނިމާދޫ ހަދާ ވާހަކައަކީވެސް ބާރަށް ދެކެވެމުންދާ ވާހަކައެކެވެ. މިކަން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން ދޮގު ކުރި ނަމަވެސް، ހަމިނާދޫ އެއާޕޯޓު ތަރައްގީ ކުރުމަށް އިންޑީއާއިން އެހީދޭކަން އެގައުމުން ވަނީ އިއުލާނުކޮށްފައެވެ.

ރާއްޖެއިން މިވީހާތަނަށްވެސް ތަފްސީލުތައް ހާމަކޮށްފައި ނުވަނީސް، ހދ ހަނިމާދޫ އެއާޕޯޓު ބޮޑުކުރާ ވާހަކަ އިންޑިއާއިން ވަނީ ބުނެފައެވެ. އެވާހަކައާ އެކު އިންޑިއާއިން ބުނެފައިވަނީ އެއީ ޑިސެމްބަރު 2018 ގައި ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާނު ކުރި ކަމެއް ކަމަށެވެ. ނަމަވެސް މިކަން އެއްވެސް ފަރާތަކުން ތަފްސީލު ކޮށްދީފައެއް ނެތެވެ.